ލަންކާގައި ޑެންގީ ޖެހިގެން މަރުވި މީހުންގެ އަދަދު 39 އަށް

މި އަހަރުގެ މިހާތަނަށް ލަންކާގައި ޑެންގީ ހުން ޖެހިގެން މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި އެވެ. 
އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޑެންގީ ކޭސްތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 59،000 އަރައިފަ އެވެ. އޭގެ ތެރެއިން 3،422 ކޭސް ރިޕޯޓު ކުރީ މި މަހުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޖުލައި މަހުގެ ތިންވަނަ ދުވަހުގެ މެންދަމާ ހަމައަށް އެ ގައުމުން ޖުމްލަ 58،810 މީހުންނަށް ޑެންގީ ޖެހިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޑެންގީ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 39 އަށް އަރާފަ އެވެ.
ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ކޮލަމްބޯ ޑިސްޓްރިކްޓުންނެވެ. އެ ސަރަހައްދުން 12،017 މީހުންނަށް ބަލި ޖެހިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ކޭސް ފެނުނު ގަމްޕަހާ ޑިސްޓްރިކްޓުން 11،740 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. މުޅި ގައުމުން ބަލި ޖެހުނު މީހުންގެ 40 ޕަސެންޓަށްވުރެ ގިނަ މީހުން ނިސްބަތްވަނީ މި ދެ ސަރަހައްދަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޖޫން މަހުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މޭ މަހު 8،590 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 21،549 އަށް އުފުލިފަ އެވެ. 
މިދިޔަ ހަފުތާގައި ލަންކާގެ ބޮޑު ވަޒީރު ވިދާޅުވީ އެ ގައުމުގައި މިހާރު ހަލުވިކަމާ އެކު ޑެންގީ ފެތުރެމުން ދަނީ އެ ވައިރަހުގެ އާ ވޭރިއެންޓެއްގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ