އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ ބައެއް ސަރުކާރު ސްކޫލްތަކުގެ މެންދުރުގެ ކެއުމުން ބިސް އުނިކޮށް، އޭގެ ބަދަލުގައި ހަމައެކަނި ތަރުކާރީގެ ބާވަތްތަކުގެ ކާނާ ދިނުމަށް ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ނިންމުމާއެކު، އެ ގައުމުގެ ސޯޝަލް މީޑިއާގައާއި ނޫސްތަކުގައި ބޮޑު ބަހުސެއް ވަނީ ހޫނުވެފަ އެވެ.
މި ނިންމުމަކީ ކުދިންގެ ސިއްހަތާއި، ދީނީ އަދި ސިޔާސީ ފިކުރުތަކާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި މައްސަލަ ހޫނުވާން ދިމާވި މައިގަނޑު ސަބަބަކީ، ވެސްޓް ބެންގާލްގައި ދާދިފަހުން އިންތިހާބުވި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރުކާރުން، ކޮލްކަޓާ މުނިސިޕަލް ކޯޕަރޭޝަނުން ހިންގާ ސްކޫލްތަކުގެ ކެއުން ތައްޔާރުކުރުން ހިންދޫ ދީނީ ޖަމާއަތަކާ ހަވާލުކުރަން ނިންމުމެވެ.
އެ ޖަމާއަތުގެ ދަށުން ހިންގާ "އަންނަމިތުރާ ފައުންޑޭޝަން" އިން ތައްޔާރުކުރަނީ ހަމައެކަނި ވެޖިޓޭރިއަން ކާނާ ކަމަށްވާތީ، ބިހުގެ ބަދަލުގައި ޕްރޮޓީން ލިބޭނެ އެހެން ބާވަތްތައް ބޭނުންކުރަން އެ ފަރާތުން ވަނީ ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިދިކޮޅު އޯލް އިންޑިއާ ތުރިނަމޫލް ކޮންގްރެސް އިން ތުހުމަތުކުރާ ގޮތުގައި، މިއީ ސްކޫލް ކުދިންގެ މައްޗަށް ވަކި ކަހަލަ ކާނާއެއް ކެއުމަށް މަޖުބޫރުކުރުވުމުގެ އަމަލެކެވެ. ނަމަވެސް ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ މި ތުހުމަތުތައް ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ މިއީ ކުދިންނަށް ސާފުތާހިރު އަދި ފައިދާހުރި ކާނާ ފޯރުކޮށްދިނުމަށް ކުރާ ކަމެއް ކަމަށާއި، މީގެ ފަހަތުގައި އެއްވެސް ދީނީ ނުވަތަ ސިޔާސީ އެޖެންޑާއެއް ނެތް ކަމަށެވެ.
ސިއްހީ މާހިރުންނާއި ކާނާގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ބިހަކީ އެންމެ އަގުހެޔޮކޮށް އަދި އެންމެ ފަސޭހައިން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ހޯދައިދޭ ބާވަތެވެ. ބެންގާލްގައި ބިހަކަށް ހޭދަވަނީ އެންމެ އަށް ރުޕީސް ކަމަށްވާއިރު، ބިހުގައި ހަށިގަނޑަށް ބޭނުންވާ ނުވަ އެސެންޝަލް އެމިނޯ އެސިޑާއި، ވިޓަމިން ޑީ އަދި ބީ-12 އެކުލެވިގެންވެއެވެ.
ޕަނީރު ފަދަ ތަކެތިން މި މާއްދާތައް ލިބުނު ނަމަވެސް، އެއީ ބިހަށްވުރެ މާ އަގުބޮޑު ތަކެއްޗެވެ. ޑޮކްޓަރުން އިންޒާރު ދޭ ގޮތުގައި ބިހުގެ ބަދަލުގައި ދޭ ތަކެތިން އެކަށީގެންވާ ފައިދާ ނުލިބިއްޖެނަމަ، ކުދިންގެ ހަށިގަނޑު ހެދިބޮޑުވުމަށާއި ވިސްނުމަށް ނޭދެވޭ އަސަރުކުރާނެއެވެ.
އިންޑިއާގެ "މިޑް-ޑޭ މީލް" ޕްރޮގްރާމަކީ 1925 ވަނަ އަހަރު މެޑްރާސްގައި ފެށި، 1995 ގައި މުޅި ގައުމަށް ފުޅާކުރެވުނު ދުނިޔޭގެ އެންމެ ބޮޑު އެއް ސްކޫލް ކެއުމުގެ ހިދުމަތެވެ. މިހާރުވެސް 110 މިލިއަނަށްވުރެ ގިނަ ކުދިންނަށް މި ހިދުމަތުގެ ދަށުން ކެއުން ފޯރުކޮށްދެ އެވެ. މިއީ ފަގީރު އާއިލާތަކުގެ ކުދިންނަށް ލިބޭ އެންމެ ކެއުމަށް ވާއިރު، މީގެ ސަބަބުން ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު އިތުރުވެ، ބަނޑުހައިހޫނުކަން ކުޑަވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ވެސްޓް ބެންގާލްގައި ޖެހިގެން އުޅޭ މައްސަލައަށް އޮތް ހައްލެއްގެ ގޮތުގައި ބައެއް ސްޓޭޓްތަކުން މިހާރުވެސް އަމަލުކުރަމުންދާ މޮޑެލްއަށް ބައެއް ފަރާތްތަކުން އިޝާރާތް ކުރެ އެވެ. އެގޮތުން ބިހާރު ސްޓޭޓްގައި ބިސް ބޭނުންނުވާ ކުދިންނަށް އޭގެ ބަދަލުގައި ދޮންކެޔޮ ދިނުމުގެ ފުރުސަތު އޮވެއެވެ. މިފަދަ މެދުތެރޭގެ ހައްލެއް ހޯދުމަކީ ކުދިންނަށް ވަކި އެއްޗެއް ކާން މަޖުބޫރުނުކޮށް، އެކުދިންގެ ސިއްހަތަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދެވޭނެ މަގެއް ކަމަށް ތައުލީމީ ދާއިރާގެ މާހިރުން ލަފާދެއެވެ.
ވެސްޓު ބެންގާލްގެ ސްކޫލް ކެއުމުން ބިސް އުނިކުރުމުން މައްސަލަ ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ