ލޮލުގެ ފެނުން ދަށްވާ ވަރަކަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާއެކު ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރޭ
އުމުރުން ދުވަސްވުމުން ފެނުމުގެ ބާރު ދެރަވުމުގެ ސަބަބުން ހަނދާން ބަލިވުމާއި، ހަރަކާތްތެރިވެ އުޅުމަށާއި ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ. ހައިދަރުއާބާދުގެ އެލްވީ ޕްރަސާދު އައި އިންސްޓިޓިއުޓް (އެލްވީޕީއީއައި)ގެ ދިރާސާވެރިން ދަނީ، ފެނުން ދެރަވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުން ވެއްޓުމާއި، މާޔޫސްވުމާއި (ޑިޕްރެޝަން)، ވިސްނުމުގެ ބާރު ދެރަވުމުގެ އިތުރުން އެހެން މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވާ ގޮތްތައް ދިރާސާ ކުރަމުންނެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ފެނުން ދެރަވުމަކީ އުމުރުން ދުވަސްވުމުން ކުރިމަތިވާނެ ގުދުރަތީ ކަމެއް ކަމަށް ބަލައި ގިނަ ފަހަރަށް އެކަމަށް އަޅާނުލާ ދޫކޮށްލެވެއެވެ. ނަމަވެސް، އައު ދިރާސާތަކުން ދައްކާގޮތުގައި، ފެނުމުގެ މައްސަލަތަކުގެ އަސަރު ހަމައެކަނި ލޮލުގެ ފެނުމަކަށް ނުހުއްޓެއެވެ. އޭގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ފެންމަތިވެއެވެ. މީގެ ތެރޭގައި ކުއްލިއަކަށް ވެއްޓި ކަށިގަނޑު ބިނދުމާއި، ނަފުސާނީ ބަލިމަޑުކަމާއި، މުޖުތަމައުން އެކަހެރިވުމާއި، ވިސްނުމުގެ ބާރު ދެރަވުމުގެ އިތުރުން، އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމުގެ ގާބިލުކަން ގެއްލި، އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑުވުން ހިމެނެއެވެ. ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކާ އެކު އެކަމަށް ހާއްސަ ފަރުވާ ހޯދުމަކީ މުހިއްމު ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މިކަންކަމާ ހުރި ގުޅުން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. ފެނުމުގެ ދަތިކަން ހުންނަ ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުން މަދުކޮށް، އިޖުތިމާއީ ހަރަކާތްތަކުން ދުރުވެ، ބޭސް ބޭނުންކުރުމާއި، ކައްކާ ކެއުމާއި، ބާޒާރުކުރުން ފަދަ ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މިގޮތަށް ހަރަކާތްތެރިވެ އުޅުން މަދުވުމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެ، އެކަނިވެރިކަމާއި އަމިއްލަ އިހުތިޔާރު ގެއްލުމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަން ކުޑަވެ، ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ލޮލުގެ ފެނުން ސަލާމަތުން ހުންނަ މީހުންނާ އަޅާބަލާއިރު، ފެނުމުގެ މައްސަލަ ހުންނަ ދުވަސްވީ މީހުންގެ މެދުގައި ނަފުސާނީ ބަލިތަކާއި ހާސްކަން މާ ބޮޑަށް އިތުރެވެ. އަދި ފެނުން ދެރަވުމަކީ ދުވަސްވީ މީހުން ވެއްޓި އަނިޔާވުމާއި، ނުކުޅެދުންތެރިކަން މެދުވެރިވުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މައިގަނޑު އެއް ސަބަބެވެ. ދެހާސްވިހި ވަނަ އަހަރު، 'ޑިމެންޝިއާ' ނުވަތަ ހަނދާން ނެތޭ ބައްޔާ ބެހޭގޮތުން ލާންސެޓް ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަރުވާ ނުދީ ހުންނަ ފެނުމުގެ މައްސަލަތަކަކީ ޑިމެންޝިއާ މެދުވެރިވުމަށް މަގުފަހިކުރާ، ބަދަލުކުރެވިދާނެ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މިކަންކަމަށް ރިއާޔަތްކޮށް، ހައިދަރުއާބާދުގެ އެލްވީ ޕްރަސާދު އައި އިންސްޓިޓިއުޓުން ވަނީ އިންޑިއާގައި މިހާތަނަށް ހިންގޭ މިފަދަ އެންމެ ބޮޑު ދިރާސާ ފަށާފައެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ދުވަސްވީ މީހުންގެ 40 އިންސައްތަ އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ފެނުމުގެ ކޮންމެވެސް މައްސަލައަކަށް ފަރުވާ ހޯދަމުން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް "ލޮންގިޓިއުޑިނަލް އައި ހެލްތު، އޭޖިން އެންޑް ޑިސެބިލިޓީ ސްޓަޑީ" (ލިޑްސް)ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާގައި، އަންދްރަޕްރަދޭޝް އަދި ޓެލެންގާނާ ސަރަހައްދުގެ ދުވަސްވީ މީހުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ފެނުން ދެރަވުމުގެ ސަބަބުން ކުރާ އަސަރުތައް ބަލާނެއެވެ. ހަމައެއާއެކު 'ކެޓަރެކްޓް' ނުވަތަ ލޮލަށް ފުސްއެރުން އޮޕަރޭޝަން ކުރުމާއި އައިނު އެޅުން ފަދަ އާދައިގެ ފަރުވާތަކުން މުޅި ސިއްހީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ވެސް ދެނެގަންނާނެއެވެ. ޑރ. ސްރީނިވާސް މަރްމަމޫލާ ވިދާޅުވި ގޮތުގައި، ފެނުމުގެ މައްސަލަތަކުގެ 80 އިންސައްތަ އަކީ ޚަރަދު ކުޑަ ފަރުވާތަކުން ރަނގަޅު ކުރެވިދާނެ ކަންކަމެވެ. އަދި މިކަމުގެ ސަބަބުން އިންސާނާގެ މުޅި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މި ދިރާސާގެ ކުރީގެ ހޯދުންތަކުން ދައްކާ ގޮތުގައި، ދުވަސްވީ މީހުންގެ 40 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ފެނުމުގެ ކޮންމެވެސް މައްސަލައަކާ އެކުގައެވެ. އޭޝިއާގެ ގިނަ ޤައުމުތަކުގައި ދުވަސްވީ މީހުންގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާއިރު، ފެނުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަކީ އެމީހުން މުޖުތަމައުގައި ހަރަކާތްތެރިވެ، އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ދިރާސާވެރިން ބުނާ ގޮތުގައި، ލޮލުގެ ސިއްހަތަށް ދެވޭ ސަމާލުކަމަކީ ހަމައެކަނި ލޮލުގެ ފަރުވާއެއް ނޫނެވެ. އެއީ އުމުރުން ދުވަސްވަމުން އަންނައިރު ދުޅަހެޔޮ އުމުރަކަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ