ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަރޫނީ އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން  ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ކުރުމަށްޓަކައި މި ބޭންކު ހުޅުވީ ނޮވެމްބަރު 16، 2024 ގައެވެ. ނަމަވެސް ބޭންކު އުފެއްދިތާ ދެ އަހަރުވާން ކައިރިވެފައި ވާއިރު ލޯނެއް ދޫކުރަން ނުފަށަ އެވެ. 
މަގާމުން އިސްތިއުފާ ދެއްވި އަރޫނީ އަކީ ހާވަޑް ޔުނިވަރސިޓީން މާސްޓަ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި، ބައިނަލްއަގުވާމީ ފައިނޭންސިއަލް މާކެޓުގެ ބޮޑު ތަޖުރިބާއެއް އޮތް ބޭފުޅެކެވެ. އޭނާ ވަނީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، އަދި ކްރެޑިޓް ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ސްރީލަންކާގެ ބޭންކުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ