ގާތިލެއް ކަމަށް ތުހުމަތުވާ ލަންކާ މީހާ ރާއްޖެއިން ލަންކާއާ ހަވާލުކޮށްފި

ސްރީލަންކާގައި ދެ މީހަކަށް ބަނޑިން ހަމަލާދީ މަރާލި ގާތިލް ކަމަށް ތުހުމަތުކުރެވޭ މީހާ ރާއްޖޭގައި ފިލައިގެން އުޅެނިކޮށް ދިވެހި ފުލުހުން އޭނާ ހޯދުމަށްފަހު ލަންކާ ސަރުކާރާ ހަވާލުކޮށްފި އެވެ.ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ހުކުރު ދުވަހު ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް، 23 އަހަރުގެ އެ މީހާ ފޭބުމާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި ކަމަށް ބުންޏެވެ. އޭނާ ހިފެހެއްޓީ ރާއްޖޭން ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް ތަފްސީލެއް ނެތެވެ. ނަމަވެސް މި މީހާ އަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެއް ކަމަށާއި އޭނާ މިފަހަރު ހިފެހެއްޓީ ރާއްޖެއަށް އެތެރެވުމުގެ ކުރިންކަމަށް ރާއްޖޭގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ ތަހުގީގަށް ހޯދަމުން ދިޔަ މީހާ ވަނީ މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލާފަ އެވެ.މިހަމަލާ ދީފައިވަނީ ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަމަލު ތަލަންގަމާގެ އަކުރެގޮޑާގައި ހުންނަ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ތިއްބައެވެ. ލަންކާގެ މި މީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހާއި ޑިސެމްބަރު މަހުވެސް ހައްޔަރުކޮށް ޖޫރިމަނާކުރުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ