ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ހިދުމަތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މިނިސްޓްރީގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހަޅަން ދިއުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.
އެ އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ޓާމްސް އޮފް ކޮންޑިޝަންގައި ބުނީ ޕީއާރު ފާމެއް ހޯދަނީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކާ މެދު އާންމުންގެ މެދުގައި މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.
މިނިސްޓްރީގެ ހަރަކާތްތަކާއި ސިޔާސަތުތަކާއި ކާމިޔާބީތަކާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމާއި ހުރިހާ އިދާރާއެއްގެ މެދުގައި އެއްގޮތް ބްރޭންޑިންއަކާއި މެސެޖުތަކެއް ގެންގުޅުން ކަށަވަރު ކުރުމާއި މީޑިއާ އާއި ސްޓޭކްހޯލްޑަރުން އަދި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް ހަރުދަނާކުރުން ވެސް މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޓާމްސް އޮފް ކޮންޑިޝަންގައި ބުނެފައިވެ އެވެ.
ބިޑު ކާމިޔާބުކުރާ ފަރާތުން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އާއި ނޭޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް އާއި ދިވެހިބަހުގެ އެކަޑަމީ އާއި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އާއި ގައުމީ އަރުޝީފް އާއި ގައުމީ ކުތުބުޚާނާގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ އެހެން ހުރިހާ އިދާރާއެއްގެ ޕީއާރުގެ ކަންކަން ބަލަހައްޓަން ޖެހޭނެ އެވެ.
އެ މަސައްކަތް ހަވާލުކުރާނެ ޕީއާރު ފާމެއް ކަނޑައެޅުމުގައި ހުށަހަޅާ އަގާއި ތަޖުރިބާ އަދި މަސައްކަތުގެ ޕްރޮޕޯސަލްއަށް ބާލާނެ ކަމަށް ވެސް ޓާމްސް އޮފް ކޮންޑިޝަންގައިވެ އެވެ.
ހެރިޓޭޖް މިނިސްޓްރީއަށް ޕީއާރް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ