ޔަހޫދީ އިސްތިޢުމާރީ ސިފައިން އަރައި ސުންނާފަތިކޮށްލާފައިވާ ލުބްނާންގެ ދެކުނުގެ ބިންތަކުން ގެދޮރުން ބޭރުކޮށްފައިވާ މީހުންގެ ތެރެއިން 400,000 އެއްހާ މީހުން އެނބުރި ވަޒަނަށް ދަތުރުކޮށްފައިވާ ކަން އެ ޤައުމުގެ އިޖުތިމާޢީ ކަންކަމާ ބެހޭ ވަޒީރު ޙުނައިން އަލް-ސައްޔިދު ހާމަކުރައްވައިފިއެވެ. ޞޫރު ޑިސްޓްރިކްޓަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޙުނައިން ވިދާޅުވީ، އެ މީހުންގެ ގެދޮރަށް ދީފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނާއި، ގެދޮރަށް ވަދެވޭނެ މަގެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ތިބީ އެނބުރި ނުދެވޭ ޙާލަތުގައި ކަމުގައެވެ.
އެ ދަތުރުފުޅުގައި ވަޒީރު ވަނީ، ޞޫރު ޑިސްޓްރިކްޓުގެ ރަށްތަކުގެ އިދާރީ އިސްވާރުންނާއި، ކާރިސާތަކާ ބެހޭ އިދާރާގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، އެ ސަރަޙައްދުގެ ޙާލަތު ބައްލަވައިލައްވާފައެވެ. ޙުނައިން ވިދާޅުވީ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ނާޒުކު ޙާލަތެއްގައި އޮތް ނަމަވެސް، ގެދޮރު ގެއްލުވައިލާފައިވާ ގިނަ އަދަދެއްގެ ރައްޔިތުން އެނބުރި އެ މީހުންގެ ވަޒަނަށް ދަތުރުކުރަމުންދާ ކަމުގައެވެ. މިއީ، އުންމީދީ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޙުނައިން ވިދާޅުވީ، ލުބްނާންގެ ދެކުނުގެ ރައްޔިތުންގެ ގެދޮރު އަލުން ބިނާކޮށް، ރަށްތައް އަލުން އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޔިރޫތުގެ ސަރުކާރުން ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދޭނެ ކަމުގައެވެ. އަދި، ދައުލަތުގެ މާލީ ޤާބިލުކަން ކުޑަ ނަމަވެސް، ރައްޔިތުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމުގައެވެ. މީގެ އިތުރުން، ގެދޮރު ނެތް ޢާއިލާތަކަށް ކުލީގެ އެހީ ދިނުމާއި، ގެދޮރު މަރާމާތުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ސަރުކާރުން ދިރާސާކުރަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ. ވަގުތީ ޙައްލެއްގެ ގޮތުން ޕްރިފެބްރިކޭޓެޑް ނުވަތަ ފަސޭހައިން ރާވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ގެދޮރު ބިނާކުރުމުގެ ފުރުޞަތު ބަލަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މާރިޗު 2 ވަނަ ދުވަހު ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ލުބްނާންގެ ދެކުނުގެ ބިންތަކަށް އަރައިގަނެފައި ވަނީ، ފެބުރުވަރީ 28 ގައި އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިންނެވެ. އެ ސަރަޙައްދުތަކަށް އަރައިގަނެ، ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި 4,303 މީހުން ޝަހީދުކޮށްލައި، 12,202 މީހުން ޒަޚަމުކޮށްލާފައިވާ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދެއެވެ. ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން އެ ސަރަޙައްދުތަކުގައި ދިރިއުޅުނު މިލިޔަނަކަށްވުރެ ގިނަ އަދަދެއްގެ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ޙުނައިން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެ މީހުންނަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.
ލުބްނާނުގެ ދެކުނުގެ 400,000 ރައްޔިތުން އެނބުރި ގެދޮރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ