ފޯނާ ނުގުޅުވައި އައިޕެޑުން ސީދާ ވަޓްސްއަޕް ބޭނުންކުރެވޭ ގޮތް ހަދަނީ
މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއަޕް ބޭނުންކުރާ އައިޕެޑް ޔޫޒަރުންނަށް ބޮޑު ލުޔެއް ލިބޭނެ ފަދަ ބަދަލެއް ގެންނަން ފަށައިފިއެވެ. މިހާރު ޓެސްޓް ކުރަމުންދާ އައު އަޕްޑޭޓާއެކު، ފޯނަކާ ނުގުޅުވައި އައިޕެޑް އެއީ, ވަޓްސްއަޕް އެކައުންޓްގެ މައިގަނޑު ނުވަތަ "ޕްރައިމަރީ ޑިވައިސް" ގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބައެއް ޔޫޒަރުންނަށް ވަނީ ލިބެން ފަށާފައެވެ. މީގެ ކުރިން އައިޕެޑްގައި ވަޓްސްއަޕް ބޭނުންކުރެވެނީ "ކޮމްޕޭނިއަން މޯޑް" މެދުވެރިކޮށް ކިއުއާރް ކޯޑެއް ސްކޭން ކޮށްގެން ފޯނާ ގުޅުވައިގެން އެކަންޏެވެ. ވަޓްސްއަޕްގެ ޚަބަރުތައް ގެނެސްދޭ ޑަބްލިއުއޭބީޓާއިންފޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިޕެޑް އޯއެސްގެ އެންމެ ފަހުގެ ބީޓާ ވާޝަން ބޭނުންކުރާ ފަރާތްތަކަށް މިހާރު ފޯނު ނަންބަރު ޖަހައިގެންނާއި ސިކްސް-ޑިޖިޓް ވެރިފިކޭޝަން ކޯޑު ނުވަތަ ޕާސްކީ ބޭނުންކޮށްގެން ސީދާ އައިޕެޑުން އެކައުންޓް އެކްޓިވޭޓް ކުރެވެއެވެ. https://sun.mv/224140 މި ބަދަލުގެ ސަބަބުން ކުރިން ކޮމްޕޭނިއަން މޯޑްގައި ހުންނަ ބައެއް ހުރަސްތައް ނެތިގެންދާނެއެވެ. އޭގެ ތެރޭގައި ލައިވް ލޮކޭޝަން ޝެއާކުރުމާއި، ބްރޯޑްކާސްޓް ލިސްޓްތައް ބޭނުންކުރުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން، ކުރިން މައި ފޯނު 14 ދުވަސް ވަންދެން ބޭނުންނުކޮށް ހުރެއްޖެ ނަމަ އައިޕެޑުން އޮޓޯއިން ލޮގްއައުޓްވާ ގޮތަށް އޮންނަ އޮތުންވެސް މި ބަދަލާއެކު ނިމުމަކަށް އަންނާނެއެވެ. މި އަޕްޑޭޓާ އެކު އެންޑްރޮއިޑް ޓެބްލެޓްތަކަށްވެސް ވަނީ ބަދަލުތަކެއް ތައާރަފްކުރަން ފަށާފައެވެ. އެންޑްރޮއިޑް ޓެބްލެޓްތަކުގައި ކުރިންވެސް ޕްރައިމަރީ ޑިވައިސްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނު ނަމަވެސް، މިހާރު ވަނީ އެކައުންޓް ސެޓަޕް ކުރާ ސްކްރީން އަލުން ފަރުމާކޮށް، އެހެން ޑިވައިސްއަކާ ގުޅުވާލުމާއި ނުވަތަ އެކައުންޓް އެއްކޮށް ޓެބްލެޓަށް ބަދަލުކުރުމުގެ ފުރުސަތު އެއް ސްކްރީނަކުން ފެންނާނެހެން ފަސޭހަކޮށްދީފައެވެ. ޓެބްލެޓް ޕްރައިމަރީ ޑިވައިސްއަކަށް ހެދުމުން ކުރިން ގެންގުޅުނު ފޯނުން ވަޓްސްއަޕް ލޮގްއައުޓް ވާނެއެވެ. ނަމަވެސް ބޭނުންނަމަ އެ ފޯނު ފަހުން ކޮމްޕޭނިއަން ޑިވައިސްއެއްގެ ގޮތުގައި އަލުން ގުޅުވާލެވޭނެއެވެ. އައިޕެޑް އަދި އެންޑްރޮއިޑް ޓެބްލެޓްތަކަށް ގެންނަ މި ފަސޭހަތައް މިހާރު ރޯލްއައުޓް ކުރަމުންދަނީ މަދު ޔޫޒަރުންތަކަކަށެވެ. ވަޓްސްއަޕްއިން މި ފީޗާސްތައް ރަސްމީކޮށް ހުރިހާ އެންމެންނަށް ލިބޭނެ ވަގުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ