ވޯލްޑް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި މިރޭ
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު އެ ޓީމަށް އޮތީ އުނދަގޫ ހާލަތަކެވެ. މެޗު ކުޅޭ ސްޓޭޑިއަމާއި، މެޗު އޮންނަ މެކްސިކޯ ސިޓީގެ މާހައުލު އޮތީ އިނގިރޭސީންނަށް ފަހިވާ ގޮތަކަށް ނޫނެވެ.
މެކްސިކޯ ސިޓީގެ އެޒްޓެކް ސްޓޭޑިއަމަކީ ވޯލްޑް ކަޕުގެ
ތާރީހަށް ބަލާއިރު އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. އެކަމަކު މިއީ އިންގްލެންޑަށް
ނަސީބު ދެރަ، މެކްސިކޯ އަށް ނަސީބު ގަދަ ސްޓޭޑިއަމެކެވެ.
އިންގްލެންޑުން އެންމެ ފަހުން މި
ސްޓޭޑިއަމުގައި ކުޅުނީ މީގެ 40 އަހަރު ކުރިން 1986 ގެ ވޯލްޑް ކަޕުގެ ކުއާޓާ
ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށެވެ. އެ މެޗުން އިންގްލެންޑް 2-0 އިން ބަލިވީ އެވެ.
އާޖެންޓީނާގެ ދެ ލަނޑު ވެސް ވައްދާލީ ޑިއޭގޯ މަރަޑޯނާ އެވެ. ފުރަތަމަ ގޯލު ޖެހީ
އަތުންނެވެ. އިންގްލެންޑް ކުޅުންތެރިން މައްސަލަ ޖެއްސި ނަމަވެސް ރެފްރީ ނިންމީ
އެއީ ބޮލުން ޖެހި ގޯލެއް ކަމަށެވެ. ދެ ވަނަ ގޯލު އޭނާ ޖެހީ ދަނޑުގެ މެދަކާ ހަމައިން
ލިބުނު ބޯޅައެއް އިންގްލެންޑުގެ ވަރަށް ގިނަ ކުޅުންތެރިން ކައިރިން ނައްޓާލާފައި
ގޮހެވެ. އެއީ ވޯލްޑް ކަޕުގެ ތާރީހުގެ އެންމެ ފާހަގަކޮށްލެވޭ ދެ ގޯލެވެ.
އަނެއްކޮޅުން މި ސްޓޭޑިއަމް ހުންނަނީ ކަނޑުގެ
ލޮނުގަނޑަށް ވުރެ 7350 ފޫޓު އުހުގަ އެވެ. މިހާ އުހުގައި އާއްމުކޮށް ނުކުޅޭ
ކުޅުންތެރިން ކުޅޭއިރު، ނޭވާލާން ދަތިވެ، ވަރުބަލިކަން ބޮޑުވާނެ އެވެ. އަނެއްކޮޅުން
އިންގްލެންޑުން މި ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނީ ތިރި ތަންތަނުގަ އެވެ.
މެކްސިކޯގެ ހޯމް ސްޓޭޑިއަމް ކަމަށްވާ އެޒްޓެކުގައި
އެ ޓީމު މިހާތަނަށް ކުޅުނު 89 މެޗުން ބަލިވީ އެންމެ ދެ މެޗުންނެވެ. ވޯލްޑް ކަޕަށް
ބަލާއިރު އެ ސްޓޭޑިއަމުގައި މެކްސިކޯ ކުޅުނު 10 މެޗުން ވެސް ބައްޔެއް ނުވެ އެވެ.
އެހެންވެ މި މެޗަށް ނުކުންނައިރު އިންގްލެންޑަށް
ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ގޮންޖެހުން ވަނީ ބޮޑުވެފަ އެވެ. އެކަމަކު
އިނގިރޭސި ކުރީގެ ފޯވާޑް އެލަން ޝިއެރާ ބުނީ އެ ޓީމު ކުޅުންތެރިން އޭގެން އެއްވެސް
ކަމަކާ ކަންބޮޑުވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ރަނގަޅު، މެޗު އުދަނގޫވާނެ. އުސްމިނާއި،
ދަނޑުގެ މާހައުލާއި މިކަންކަން ހުރި ގޮތުން. ދަނޑުގެ 80 ޕަސެންޓް ސަޕޯޓް ލިބޭނީ
މެކްސިކޯ އަށް. އެކަމަކު ކުޅުންތެރިން މުޅި ކެރިއަރުގައި ތައްޔާރުވަނީ މިފަދަ
ހާލަތްތަކަށް. މިއީ ގޮންޖެހުމެއް. އެކަމަކު މިކަމާ ކުރިމަތިލާއި، ޕޮޒިޓިވްކޮށް
ތިބެ ކާމިޔާބު ހޯދަންވީ،"
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން ފަތިހު 5 ޖަހާއިރެވެ.
މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޗު ފަށާ ގަޑި އަވަސްކުރަން ފީފާ އިން
މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
40 އަހަރަށް ފަހު އިނގިރޭސީން އެޒްޓެކް ސްޓޭޑިއަމަށް: އޮތީ އުނދަގޫ ހާލަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ