ޖަރުމަނުގެ ކޯޗުކަމާ ހަވާލުވުމަށް ކްލޮޕް ތައްޔާރު

ޖަރުމަނުގެ ގައުމީ ޓީމާ ހަވާލުވުމާ ބެހޭގޮތުން ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް މަޝްވަރާތައް ފަށައިފިއެވެ. ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން، ޕެރަގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ, ޖަރުމަނު މުބާރާތުން ކެޓުމާއެކު އެ ގައުމުގެ ކޯޗު ޔޫލިއަން ނާގަލްސްމަން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ނާގަލްސްމަންގެ ވަކިވުމާއެކު، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ އިސްކަމެއްދީގެން އާ ކޯޗެއްގެ ގޮތުގައި ގެންނަން ބޭނުންވަނީ ކްލޮޕްއެވެ. ކްލޮޕް ވަނީ ޖަރުމަނުގެ ގައުމީ ޓީމާ ހަވާލުވުމާ ބެހޭގޮތުން ފެޑެރޭޝަނާއެކު މަޝްވަރާތައް ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި 2024 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލި ފަހުން މިހާރު ދެ އަހަރު ވެފައިވާއިރު، މި ބޮޑު ބްރޭކަށް ފަހު އެނބުރި އަންނަން ހުރީ މުޅިން ފިޓުވެ ތައްޔާރުވެގެން ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް މި އެއްބަސްވުމަށް އައުމަށް ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ކްލޮޕް މިހާރު ރެޑް ބުލްގެ ކްލަބް ނެޓްވޯކްގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަގާމުގައި ހުރުމުން، އޭނާގެ ކޮންޓްރެކްޓްގެ ކަންކަން ހަމަޖައްސަން ޖެހޭތީއެވެ. ޖަރުމަނު ޓީމު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އާ ހަމައަށް ނުގޮސް ކެޓުމުން، ޓީމުގެ ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާކަމަށް ކްލޮޕް ގަބޫލުކުރެއެވެ. އޭނާ ހާމަކުރި ގޮތުގައި ޖަރުމަނުގެ ފުޓްބޯޅަ މިހާރު އޮތީ ބޮޑު ބަދަލަކަށް ބޭނުންވެފައެވެ. އެހެންކަމުން ޓީމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތްތަކާމެދު ފެޑެރޭޝަނާއެކު ވަރަށް ފުންކޮށް ވާހަކަދައްކަން ޖެހޭ ކަމަށާއި، ކޯޗުކަމާ ހަވާލުވާނީ އެ ބަދަލުތަކަށް އެއްބަސްވެވިގެން ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ