ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ އަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެއް ކަމަށާއި އޭނާ މިފަހަރު ހިފެހެއްޓީ ރާއްޖެއަށް އެތެރެވުމުގެ ކުރިންކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ހުކުރު ދުވަހު ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް، 23 އަހަރުގެ އެ މީހާ ފޭބުމާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި ކަމަށް ބުންޏެވެ.
އޭނާ ހިފެހެއްޓީ ރާއްޖޭން ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް ތަފްސީލެއް ނެތެވެ.
ނަމަވެސް، "މިހާރު" އަށް ޔަގީންވެފައިވާ ގޮތުގައި އެއީ 2021-2022 އަށް ރާއްޖޭގައި ވަޒީފާ އަދާކޮށްފައިވާ މީހެކެވެ. މިފަހަރު އޭނާ ހިފެހެއްޓީ މި މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް އައިސް އިމިގްރޭޝަން ޗެކިންއާ ހިސާބުންނެެވެ. އޭނާ އަނބުރާ ލަންކާއަށް ފޮނުވާލީ އިމިގްރޭޝަންގެ ޑިޓެންޝަނުގައި ބެހެއްޓުމަށް ފަހު އެވެ.
އޭނާ ރާއްޖޭން އަނބުރާ ފޮނުވާލީ އިއްޔެގެ މެންދުރުފަހުގެ ފްލައިޓުންނެވެ.
ލަންކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ތުހުމަތުވާ މީހާގެ މައުލޫމާތު ވަނީ އިމިގްރޭޝަނުން ކަމާބެހޭ އިދާރާތަކަށް ފޮނުވައިފަ އެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
The most trusted news source in the Maldives
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި އެތުކަންދުރާ އަށް ނިސްބަތްވާ މި މީހާއަކީ، މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ.
ގާނޫނީ ވަކީލާއި އޭނާގެ އަނބިމީހާ މަރާލީ ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަމަލު ތަލަންގަމާގެ އަކުރެގޮޑާގަ އެވެ. ބަޑި ޖަހާފައި ވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ދެމަފިރިން ތިއްބަ އެވެ.
ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ވެސް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާ ހިންގާފައިވާއިރު އެތައް ބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.
މަރުގެ ތުހުމަތުވާ ލަންކާ މީހާ ރާއްޖޭގައި ވަޒީފާ އަދާކުރި، މިފަހަރު ހިފެހެއްޓީ ރާއްޖެ އެތެރެނުވަނީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ