ވީއައިއޭގެ ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުން ނުކުރަން އިލްތިމާސްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެއާޕޯޓް ސެކިއުރިޓީ ފާސް ބޭނުންކުރާނަމަ އެ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ.
އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުންނަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ މަސައްކަތްތަކަށާއި ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ވަނުމަށް ދޫކުރެވޭ އެއްޗެއް ކަމަށެވެ. ނަމަވެސް، ބައެއް މުވައްޒަފުން އޮޕަރޭޝަނަލް އެއްވެސް ބޭނުމަކާ ނުލައި ބެގެޖް ކްލެއިމް އޭރިއާ ނުވަތަ ކަސްޓަމްސް ސަރަހައްދަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން އެއާޕޯޓުގެ ރައްކާތެރިކަމާއި ސަލާމަތަށް ބުރޫއަރައި، ކަސްޓަމްސްގެ މަސައްކަތްތަކަށް ހުރަސް އެޅެއެވެ. "އެއާޕޯޓް ސެކިއުރިޓީ ފާސް ހުއްދަނެތި ބޭނުންކުރުމަކީ އޭވިއޭޝަން ސެކިއުރިޓީއަށް އޮތް ނުރައްކަލެއްގެ އިތުރުން، އެއާޕޯޓާއި ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ބުރޫއަރާ ކަމެއް،" އެމްއޭސީއެލްގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަލަށް ތައާރަފްކުރި އުސޫލުތަކުގެ ދަށުން، ސެކިއުރިޓީ ފާސް ބޭނުންކުރަންވާނީ ހަމައެކަނި ރަސްމީ ޒިންމާތައް އަދާކުރުމަށެވެ. އަދި އަމިއްލަ ބޭނުންތަކަށް ސެކިއުރިޓީ ފާސް ބޭނުންކުރުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ކޮންޓްރޯލް އޭރިއާތަކަށް ވަނުމާއި، ރަސްމީ މަސައްކަތާ ގުޅުމެއް ނެތް ކަންކަމުގައި ފަސިންޖަރުންނާ ވާހަކަދެއްކުމަކީ ވެސް މަނާ ކަންކަމެވެ.
އެމްއޭސީއެލް އިން އިތުރަށް އިންޒާރު ދީފައިވަނީ މި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ ތެރޭގައި މުވައްޒަފަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް ސަސްޕެންޑް ކުރުން ނުވަތަ ކެންސަލް ކުރުން ހިމެނެއެވެ.
އެހެންކަމުން، އެއާޕޯޓުގެ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްއޭސީއެލް އިން ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ