ލަންކާގެ މަރުގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު އުޅުނީ ރާއްޖޭގައި

ލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުންގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 23 އަހަރުގެ ޒުވާނަކު ރާއްޖޭގައި އުޅުމަށް ފަހު ގައުމަށް އެނބުރި ދިޔުމާ އެކު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުން ބުނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު އެ މީހާ އައުމާއެކު، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން އޭނާ ހައްޔަރު ކުރި ކަމަށެވެ. 
އެ މީހާ ގައުމަށް އަމިއްލައަށް ދިޔައީ ކަމެއް ނުވަތަ ރާއްޖޭގެ އިދާރާތަކުން ހިފަހައްޓައި ފޮނުވާލީ ކަމެއް ސާފެއް ނޫނެވެ. 
ފުލުހުން ބުނި ގޮތުގައި، އެތްކަންދުރާއަށް ނިސްބަތްވާ މި ޒުވާނާއަކީ ފެބްރުއަރީ 13 ވަނަ ދުވަހު ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދީ މަރާލި މައްސަލައިގައި ހޯދަމުން ދިޔަ މީހެކެވެ.
އޭނާ އެއާޕޯޓަށް އައުމާއެކު ފަސޭހައިން ހައްޔަރުކުރުމަށްޓަކައި، އެއާޕޯޓުގެ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ސިސްޓަމަށް އޭނާގެ މައުލޫމާތު ކުރިން އޮތީ ފޯރުކޮށްދީފަ އެވެ. އެއީ ރާވައިގެން ކުށްކުރާ ގްރޫޕެއްގެ މީހެއް ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި، 2025ގެ އޮކްޓޯބަރު މަހު ގަވާއިދާ ހިލާފު މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ވެސް ފުލުހުން  އޭނާ ހައްޔަރުކުރި އެވެ. އެ ދެ ފަހަރު ވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ޖޫރިމަނާކޮށްފަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ކަމަށް ލަންކާ ފުލުހުންނާ ހަވާލަދީ އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ