ސަލްމާންގެ އާ ފިލްމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށްފި
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "މާތުރަބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" ރިލީޒްކުރުން ލަސްވުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ އެކްޓަރުގެ ޓީމުން ދޮގުކޮށްފިއެވެ. ސަލްމާންގެ އަމިއްލަ ފިލްމު ކުންފުނި އެސްކޭއެފަށް އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރުން ފަސްކުރެވިފައި ވަނީ ސެންސަރު ބޯޑްގައި ފިލްމުގައި ތާށިވެފައި އޮތުމުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެސްކޭ އެފުން އިއްޔެ ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ސެންޓްރަލް ބޯޑް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ)އަށް ސަލްމާންގެ ފިލްމު ހުށަހަޅާފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން ފިލްމު ސެންސަރު ބޯޑުގައި ތާށިވެފައި އޮތްކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި ފިލްމާ ގުޅޭ މައުލޫމާތު ކަށަވަރުކުރުމަށްފަހު ނޫނީ މީޑިއާތަކުން އާއްމު ނުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ފިލްމު "މާތުރަބޫމީ"ގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ މީގެއިތުރުން ފިލްމު "މާތުރަބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"އާ ބެހޭ ރަސްމީ މައުލޫމާތު އާއްމުންނާ ހިއްސާކުރާނީ ހަމައެކަނި އެސްކޭއެފްއިން ކަމަށާއި އެހެންވެ އިތުރު ފަރާތްތަކުން ޝާއިއުކުރާ ޚަބަރުތަކަށް ބަރޯސާ ނުވުމަށް ވެސް ސަލްމާންގެ ޓީމުން ވަނީ އެދިފައެވެ. ފިލްމު "މާތުރަބޫމީ" މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 17ގައި ރިލީޒްކުރާނެކަން އިއުލާނުކޮށް ފިލްމުގެ ޓީޒާއެއް ވެސް އާއްމުކުރިއެވެ. ނަމަވެސް ފަހުން ފިލްމުގެ ބައެއް މަންޒަރުތަކަށް ބަދަލު ގެންނަން ޖެހިގެން ތާރީޚެއް ނެތް ގޮތަށް ފިލްމު އޮތީ ފަސްކޮށްފައެވެ. ސަލްމާން އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅޭ މި ފިލްމަކީ، އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ސަލްމާންގެ އިތުރުން މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ، ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ