އޮއްޕޮގެ ކުންފުނިން ސްޓޭޑިއަމްގެ ބިން ހުސްނުކުރުމުން ގާނޫނީ ފިޔަވަޅު އަޅަނީ
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލްގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން، މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަން ހުސްނުކޮށްގެން، އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ އެކްސްކޯއިން ނިންމައިފިއެވެ. އެފްއޭއެމުން މިއަދު ބުނި ގޮތުގައި، އެ ގުދަން ހަދައިފައިވަނީ، 2017އިން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ޚާއްސަކޮށްގެން ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަންއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، ފުޓްބޯޅަ ދަނޑު އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އެކި ފަހަރުގެ މަތީން އެންގުމުންވެސް އެ ބިން ހުސްކުރުމަށްވަނީ އިޢުތިރާޒްކޮށްފައި ކަމަށް އެފްއޭއެމުން ބުނެއެވެ. އެ ކުންފުނިން އެ ބިން ހަވާލުކުރުމަށް ދެކޮޅުހަދަމުންދާތީވެ، ފުޓްބޯޅަ ދަނޑުއެޅުމަށް އެ ބިން ހުސްކުރުމުގައި ޤާނޫނީގޮތުން އަޅަންހުރި ފިޔަވަޅުތައް އެޅުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކަމަށް މިއަދު އެ އިދާރާއިން ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީގައިވާ ގޮތުން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ އެޑްރެހަކަށް އޮއްޕޮގެ އެޑްރެސް އޮތްއިރު ކުންފުނީގެ ޑިރެކްޓަރުންނަށް ތިބީ އޮއްޕޮގެ އިތުރުން ފާތިމަތު ފަޒީލާ ކިޔާ އަންހެނެކެވެ. އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕޮގެ ކުންފުނިންވަނީ 2700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފައެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ. އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއި ބެހޭގޮތުން އެފްއޭއެމާއެކު އެއްބަސްވުމެއް ހަދާފައެއް ނުވާކަމަށް އެފްއޭއެމުން ބުންޏެވެ. މީގެ އިތުރުން 2700 އަކަފޫޓްގައި އިމާރާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އަދި މާލޭ ސިޓީކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ