(ބުދަ ދުވަހާ ގުޅޭ)
އޭގެ ސަބަބުން ދެން ފަޅާއަރައިފާނެ އެހެން ހަގީގަތެއް އޮތް ކަމެއް އާދަނު ހަނދާނެއް ނެތެވެ.
"ކަލޭފާނު ކަލޭފާނު!" ރޮނޑުބެ ގޮވައިލިއެވެ. "ކޮބާ ސައިކޮޅެއް ދެއްވޭކަށް ނެތްތޯ؟"
އާދަނާއި މުދިންކަލޭފާނު ހުއްޓުނެވެ. ރޮނޑުބެއަށް ބަލައިލިއެވެ.
"މި ދާ ދިމާއަށް ގޮއްސަ އަންނަމުން ތި ކަހަލަ ކަމަކާ އުޅެވޭނީ،" މުދިންކަލޭފާނު ބުންޏެވެ. "އިހަށް ގޮސްބަލާނަން."
އާދަނާއި މުދިންކަލޭފާނު މާރުކޭޓާ ދިމާއަށް ހިނގައިގަތެވެ.
"އޭ މުދިންކަލޭފާނު! އެއީ އެއްކަލަ އަތްބަލާމީހާއެއްނު!" އާދަނަށް ނުހުރެވިގެން ބުންޏެވެ. "އޭނައަށް އަޅުގަނޑުގެ އަތް ހާދަހާ ދައްކާލާ ހިތްވެއޭ!"
އާދަނުގެ މަގުސަދަކީ، މާލެއަށް ހަފީޒާ އަންނާނެ ދުވަސްވަރަކާއި އާދަނަށް ހަފީޒާޔާ އިނދެވޭނެ ދުވަސްވަރެއް ބެލުމެވެ. މުދިންކަލޭފާނު އެނބުރިލާފައި ރޮނޑުބެއަށް އަތްތިލަބަޑިޖަހައިލިއެވެ.
"އޭ! އާދޭ!" މުދިންކަލޭފާނު ބުންޏެވެ. "ސައި ލިބިދާނެ މިހާރު ވެސް."
ހަމަ އެހެން ބުނުމާ އެކު ރޮނޑުބެ ގޮނޑިން ފުންމައިލައިގެން އައެވެ. ތިން މީހުން ޗާންދަނީމަގުން ހުޅަނގަށް ލަނބައިލައިގެން ދިޔައީ ބާޒާރުމައްޗަށެވެ. އެ ތަނުގައި ބުންބާމީހުންގެ ދެބުރި ފިހާރަތައް ވަރަށް ގިނައެވެ. އެ ފިހާރަތަކުން ލޭންދޭނަށް އެއްޗެހި ނަގާނަގައި ދިވެހިންގެ ބޮޑެތި އެތައް ބަޔަކު ތިބެނީ ބުންބާމީހުންގެ ދަށުވެފައެވެ. ފައިސާ ބަލައި އެ މީހުން ދިޔުމުން ފައިސާ ދެވޭ ތަނެއް ވެސް ނާދެއެވެ. ބުނަނީ ކަލް ދޯ ބަޖޭ އާއޯއެވެ. މާނައަކީ މާދަމާ ދޭއްޖަހާ އިރު އަންނާށެވެ. އެ ދޭއް ދުވަހަކު ޖަހާ ކަމަކަށް ނުވެއެވެ.
އެ ސަރަހައްދުގައި ރާނާފައިހުންނަނީ ދިގުފިހާރަ އެކަންޏެވެ. އެހެން ފިހާރަތައް ހުންނަނީ ލަކުޑި މުޑިޖަހާފައި ބޭރުން ފަތިއަޅާފައި އޭގެ ބޭރުން ޓިނު ޖަހާފައި ދެބުރިއަށް ހަދައިފައެވެ. ރޮނޑުބެ ގޮވައިގެން މުދިންކަލޭފާނު އެރީ ޗަންޕާގެ ފިހާރައާ ޖެހިގެން ހުރި ފިހާރައިގެ މަތީބުރިއަށެވެ. އެ ތަނުގައި ހުރި ގޮނޑިއެއްގައި މުދިންކަލޭފާނު އިށީނދެފައި، ރޮނޑުބެ އަނެއް ގޮނޑީގައި ބައިންދާފައި، ދެން ހުރި ގޮނޑީގައި އާދަނު ބޭންދިއެވެ. އޭރު ކެތްތެރިކަން ކުޑަވެގެން އާދަނުގެ ހިތް މެޔަށް އޮބިއޮންނަ ވަރެއް ނޫނެވެ.
"ރޮނޑުބޭ!" މުދިންކަލޭފާނު ބުންޏެވެ. "މީނަގެ އަތްބަލާލަދީފަ ސައިބޯން ދާނީ."
ރޮނޑުބެ ވަގުތުން އާދަނުގެ އަތްތިލައިގަ ހިފައިފައި އެކި ގޮތްގޮތަށް ބަލަން ފެށިއެވެ. އިރުއިރުކޮޅާ ވައަތު ޝަހާދަތް އިނގިލި ރޮނޑުބެގެ ތުންފަތުގައި ހުރަސްކޮށްލައެވެ. ހީވާނީ އާދަނުގެ އަތުން ފެންނަ އެއްޗަކާ ހެދި ރޮނޑުބެ ކަންބޮޑުވާހެންނެވެ. ދެން ބަލަނީ އާދަނުގެ މޫނަށެވެ.
"މުދިންކަލޭފާނު! މީނައަކީ އަތްބަލާ މީހެއްތަ ނޫނީ މޫނުބަލާ މީހެއްތަ؟" އާދަނު އެހިއެވެ.
"އެއީ ތެދެއް! އަތްބަލާބަލަ!" މުދިންކަލޭފާނު ބުނުއްވިއެވެ.
"ތީ ކޮން އުމުރެއްގެ ކުއްޖެއް؟" ރޮނޑުބެ ސުވާލުކުރިއެވެ.
"ސޯޅަ އަހަރަށް މި އޮތީ." އާދަނު ބުންޏެވެ.
ރޮނޑުބެ އަނެއްކާ ވެސް އާދަނުގެ އަތްބަލަން ފެށިއެވެ. އިރުއިރުކޮޅާ އާދަނުގެ މޫނަށް، ހައިރާންވެ އަންތަރީސްވެގެން ބަލައެވެ.
"ކަލޭފާނު!" ރޮނޑުބެ ބުންޏެވެ. "މީނަ އަތުން ހާދަހާ ބޮޑު އެއްޗެއް އެބަ ދައްކައޭ!"
ކުއްލިއަކަށް އާދަނު ހަނދާންވީ ހަމީދު މަރައިލުމަށް ޓަކައި ރާވަމުންދާ ރޭވުމެވެ. އެ ހިސާބުން އާދަނު ހަމަހިމޭންވިއެވެ. އަތްދެއްކުނު މޮޔަ ހިތަށް އެރިއެވެ. އެހެނަސް ދެން އަތް ދަމައިގަންނާކަށް ނުކެރުނެވެ.
"ކަލޭފާނު! މަ ހަމަ އާޝޯހްވެއްޖެ!" އަނެއްކާ ވެސް ރޮނޑުބެ ބުންޏެވެ.
"އަޖައިބެއް ފަހެ ނުވާނެ!" މުދިންކަލޭފާނު ބުންޏެވެ. "ކޮން ކަމަކާތަ ކަލޭ އާޝޯހްވީ؟"
"މި ސަރުކާރުން މީހަކަށް ދޭނެ އެންމެ ބޮޑު އަދަބު މީނައަށް ލިބެން މިހާރު ހަމަ ތައްޔާރުވެއްޖެ!" ރޮނޑުބެ ބުންޏެވެ.
އާދަނުގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އަތްބަލާލައިފައި ރޮނޑުބެއަށް އެ ކަން އެނގުނީތީއެވެ. ބިރުގަތުމުގެ ބަދަލުގައި އާދަނު ވީ އުފަލެވެ. ހަމީދު މަރައިލެވޭނެކަން ޔަގީންވީމައެވެ.
"ތިޔަ ވަރުގެ ކުށެއް އަހަރެން ކިހިނެއް ކުރާނީ؟" އާދަނު އެހިއެވެ.
"ކަލޭ ކުރާނެކަން ކަލޭގެ އަތުން އެބަ ދައްކާ!" ރޮނޑުބެ ބުންޏެވެ. "އެހެންވެ އަހަރެން ހައިރާން ވެގެން މި އުޅެނީ. ތިހިރީ ކަލޭގެ ޅަކަމާ ކުޑަކަން ވާ ވަރު. ތި އުމުރާ ހާދަ ނުގުޅޭ ކަމެކޭ އަތުން މި ދައްކަނީ. ކަލެޔަށް ވަރަށް ވަރު ކޮށްލާނެ."
މުދިންކަލޭފާނު ހޭން ފެށިއެވެ.
"ތީ ދެން ހާދަ އެހެން ކަހަލަ ކަމެކޭ!" އާދަނު ބުންޏެވެ. "އެންމެ ރަނގަޅު. ކޮން އިރަކުން އަހަންނަށް މީހަކާ އިނދެވޭނީ؟"
އެހާ އަވަހަކަށް ކައިވެންޏެއް ނެތް. އެކަމަކު އިންނަ އިރު އިނދެވޭނީ ވަރަށް ހެޔޮ މީހަކާ،" ކުޑަވައި އިނގިއްޔާ ދިމާއިން އަތްތިލައިގެ ކައިރިފަށް ބަލަމުން ރޮނޑުބެ ބުންޏެވެ. "އަނބިމީހާ ކަލޭ ދެކެ ވަރަށް ލޯބިވާނެ. ހީވަނީ ހަތަރު ދަރިން ލިބޭނެ ހެން. އޭނަ މަރުވަންދެން އުޅޭނީ ކަލެޔާ އިނދެގެން."
"އެހެންވިއްޔާ އަހަރެންގެ މަރު އޮތީ ކޮން އުމުރެއްގަ؟" އާދަނު އެހިއެވެ.
"ކަލޭގެ އުމުރު ނުވަދިހައަށް ވުރެ މައްޗަށް ދާނެ ހެން ހީވޭ!" ރޮނޑުބެ ބުންޏެވެ. "ކަލޭ ސަރުކާރުގަ އުޅުނަސް ހުންނާނީ އަމުރުވެރިއަކަށް، އަމިއްލަ މީހެއް ކައިރީގަ އުޅުނަސް ހުންނާނީ އަމުރުވެރިއަކަށް."
އާދަނު އެގޮތް މިގޮތަށް އަހައިގެން ވެސް، އާދަނު އިންނަ މީހާގެ ސިފައެއް، ނަސަބެއް، ފެންވަރެއް ނޭނގުނެވެ. ރޮނޑުބެއަށް ސައިދީފައި އާދަނު ގޮވައިގެން މުދިންކަލޭފާނު ދިޔައީ ބުންބާމީހެއްގެ ފިހާރަޔަށެވެ.
"އާދަނު ބައްޕަ ބުނެގެން އާދަނަށް ވަޒީފާއެއް ހަމަޖައްސަން މި ގެނައީ،" މުދިންކަލޭފާނު ބުންޏެވެ. "އާދަނު ރަށުތެރޭ ލާޗާރުބިޗާރަށް އުޅޭތީ ބައްޕަ ވަރަށް ކަންބޮޑުވޭ! ބޭކަރީއަށް ވެސް ވަރަށް ނުދާ ވާހަކަ ބުނި. މި ތަނުން ރަނގަޅު އުޖޫރައެއް ލިބޭނެ. މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ."
އާދަނު ވިސްނައިލިއެވެ. ހިތަށްއެރިއެވެ. އާދަނު އުޅޭނޫޅޭ ގޮތް ބައްޕަ ބަލާ ނަމަ، ކުރަން އުޅޭ ކަންތައް ފަޅާއަރައިފާނެއެވެ. އެންމެ މޮޅު ގޮތަކީ ބައްޕަ ރުއްސާފައި ބެހެއްޓުމެވެ.
"އަހަރެން ކީއްކުރަން ޖެހޭނީ؟" އާދަނު ސުވާލުކުރިއެވެ.
"މި މީހުންގެ ގެރިބަކަރިތައް މުޅި ރަށު ތެރޭގަ އެނބުރޭނެ. އޭގެ ދުއްތުރާ ބޮޑުވެގެން އެ އުޅެނީ. ބޭނުން މީހަކަށް ކިރުފެލޭތީ އެ ކަމާ ވެސް ވަރަށް ހިތްހަމަނުޖެހިފަ އެ ތިބެނީ،" މުދިންކަލޭފާނު ބުންޏެވެ. "އާދަނު ޖެހޭނީ އެ ޖަނަވާރުތައް ކޮށްޓަށް ލައިގެން ބަލަހައްޓަން. އިރުންއިރަށް ކާންދިނީމަ އެ ނިމުނީ."
އާދަނު އެއްބަސްވިއެވެ. އެހެނަސް ކަންދިމާކުރި ގޮތުން، ފިހާރައިގެ ބޮޑުމީހާޔާ ދިމާނުވެގެން އެ ދުވަހު އެ ކަން ކުރިޔަށް ދާ ގޮތެއް ނުވިއެވެ.
މާލޭގައި ގެރިބަކަރިތައް އޮންނަނީ މަގުމައްޗަށް ދޫކޮށްލާފައެވެ. ކާގަޑި ޖެހުމުން ގޭދޮށަށް އާދެއެވެ. ކާންދިނީމައި އަނެއްކާ ވެސް ގޮސް އުޅޭނީ ގޮނޑުމައްޗާއި މަގުމަތީގައެވެ. ގެރިބަކަރި މަގުމަތީގައި އުޅެނިކޮށް ކޮންމެ މީހަކު ކިރުފެލިޔަސް މައްސަލައެއް ނުޖެހޭނެއެވެ. މާބަނޑު އެއްޗެއް ނައިސް ދެތިން ދުވަހެއް ވެގެން ގޮސް ބަލައިލާ އިރު ކޮންމެވެސް ތަނެއްގައި ވިހައިގެން އޮންނާނެއެވެ. އެއީ އާންމު މަންޒަރެކެވެ.
ދިވެހީންގެ އާދައިގެ އެންމެން އުޅެނީ ހުސްފައިގައެވެ. ތަންކޮޅަކަށް ހިނގައިލާ އިރު ދެފައި ހީވާނީ ހީނާފަތްއަޅާފައިއޮންނަ ހެންނެވެ. އޮންނާނީ ނަޖިހުން ކަޅިވެފައެވެ. ގޭގެ ދޮރާށި ކައިރީގައި ވަޅެއް ބަހައްޓާފައި ހުންނަނީ އެ ބޭނުމަށެވެ. ބައެއް ގޭގޭގައި ވަޅުދޮށުގައި ތަޅުން އަޅާފައި އޮވެއެވެ. އަނެއްބައި ގޭގޭގައި އޮންނަނީ ފައި ސާފުކުރަން ގަލެއް ބާއްވައިފައެވެ. ކޮންމެ މީހަކު ވެސް ގެއަށް ވަންނާނީ ފައިދޮވެގެންނެވެ.
ބުންބާމީހުން ނިދާ ގެއެއް ނުހުރެއެވެ. ރޭގަނޑު ނިދަންވީމައި، ވާރޭނުވެހެންޏާ ފަތްޖެހި އެނދު ނެރި ޗާނދަނީމަގުގެ ފިހާރަތަކުގެ ކުރިމަތީގައި އަތުރައިލައެވެ. އެ މީހުން ގެންގުޅޭ ގެރިތައް ވެސް ރޭގަނޑު އައިސް ތިބޭނީ އެ ތަނުގައެވެ. އެ ސޮރުމެންގެ ކޮށްޓެއް ނުހުންނާތީއެވެ. ބާކީ ވެފައި ހުންނަ ކާއެތިކޮޅު ދިނުމުން އެ ކާލައިގެން ނިދާނެއެވެ. ނިދީމައި ވަކަރުގޭ ކުދީން، ފަތްޖެހިއެނދުގެ ފައިގައި ވާގަނޑެއް އައްސާފައި އަނެއް ކޮޅު ގެރީގެ ފައިގައި އައްސައެވެ. ދެން ގެރީގެ ނަގުލުގައި ފަޓާސްފައްޗެއް އައްސާފައި ފަޓާސްތައް ރޯކޮށްލަނީއެވެ. ގެރި ފުންމައިގެން ތެދުވެފައި ދުއްވައިގަންނަ ބާރު، ކުއްލިއަކަށް ފަތްޖެހިއެނދު ދަމައިގަންނާނެއެވެ. ނިދާފައިއޮތް މީހާ ހުރި ދިމާއިން ބިންމައްޗަށް ވެއްޓޭނެއެވެ. ގެރި މައިތިރި ވާނީ ފަޓާސްފަތި އެއްކޮށް ހުސްވީމައެވެ. ދެތިން ގެރި ދެތިން ފަތްޖެހިއެނދު ހިފައިގެން ރަށުތެރޭގައި ދުވާ މަންޒަރަކީ ބަލައިލަން މަޖާ މަންޒަރެކެވެ. އަނެއް ދުވަހު މާލޭގެ އެކި ހިސާބުހިސާބުން ފަތްޖެހިއެނދުގެ އެކި ބައިތައް ފެންނަން ހުންނާނެއެވެ.
ތެޔޮޅުވާ ކުދިން ބުންބާމީހުންނާ އެހެން ސަމާސާއެއް ވެސް ކުރެއެވެ. ޒައްގޫމުގަހަކީ ވަރަށް ތޫނު ކަށްޓެއް ހުންނަ ގަހެކެވެ. އެ ކަށިތައް ބިނދެފައި، ބުންބާމީހުން ނިދީމައި އެ މީހުންގެ ފަޔަށް ހެރޭ ގޮތަށް، ފައިވާނަށް ކަށިތައް ހަރައެވެ. އެނދުގައި ތިބެފައި ތެދުވެގެން ފައިވާނަށް އަރާ ވަގުތު ހަޅޭއްލަވައިގަންނަ އަޑު އެތައް ހިސާބަކަށް އިވެއެވެ. އެ ކަން ކުރާ ބަޔެއް ބުންބާމީހުންނަކަށް ނޭނގެއެވެ.
ދަރޭތީގެ ތޫނުމިން ބެލުމަށާއި ދަރޭތި ގެންގުޅޭ ގޮތް ދަސްކުރަން އާދަނުމެން ފަޅުގޭގައި ފަރިތަކުރަން ފެށިއެވެ. ހަމީދުގެ ބަދަލުގައި ބަހައްޓަނީ ކެޔޮގަސްގަނޑެކެވެ. އޭގައި ދަރޭތިން ޖެހިޖެހީނުން ފޮއްޗެއް ބުރިކޮށްލެވިއްޖެ ނަމަ ހަމަލަ ކާމިޔާބުވީއެވެ. ގިނަ ފަހަރު ފޮއްޗެއް ބުރިވެއެވެ. ނަތީޖާއާ މެދު ޔޫސުބާއި ދޮންމަނިކާއި އާދަނު ވަރަށް އުފާވެއެވެ. ދޮހޮއްކޮ އިންނަނީ ނެގިމަޑުވެފައެވެ. ފަހަކަށް އައިސް ދޮހޮއްކޮގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ.
"ބަލަ ކަލޭ އުފަލެއް ނުވޭތަ؟" އާދަނު އެހިއެވެ.
"އަހަންނަކަށް ނުފެނޭ ތި ކަން ކުރާކަށް،" ދޮހޮއްކޮ ބުންޏެވެ. "ތި ކަނޑިގަނޑު ވެސް ވަޅުލަންވީ. ހަމަ މިހެން ތިބެފަ މީހަކު މަރާލަން ހެޔޮނުވާނެ. އެއީ ވަރަށް ބޮޑު ގޯހެއް. މި ހިޔާލު ދޫކޮށްލަމާ ހިނގާ!"
"ބަލަ އެއީ މަރާލަން ހައްގު މީހެކޭ!" އާދަނު ރުޅިއައިސްފައި ބުންޏެވެ. "އޭނަ މަރާލިޔަސް ފާފައެއް ނުވާނެ. އެއީ ހުރިހާ ރައްޔިތުންގެ ބޮލުގަ އެޅިފަ އޮތް ކިފާޔަތުގެ ފަރުޟެއް. ކެރޭ މީހަކު ނުކުމެ މަރާލަންވީ. ކެރޭ ބަޔަކަށް އަހަރުމެން ވާންވީ. މިހާ ގިނަ މަސައްކަތް ކޮށްފަ ފަނުފުލުން ދުއްވައެއް ނުލެވޭނެ."
"ކިތަންމެ މަސައްކަތެއް ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް އާދަނާ!" ދޮހޮއްކޮ ބުންޏެވެ. "ވިސްނާލަބަލަ! ﷲ އަހަރުމެންނަށް ހެޔޮވިސްނުން ދެއްވައިފި. އާދަމުގެ ދަރިޔެއް މަރާލުމަކީ ބޮޑު ފާފައެއް. ގަސްތުގަ މުއުމިނަކު މެރި މީހާގެ ޖަޒާއަކީ ކޮން ތަނެއްކަން އެނގޭތަ؟ ނަރަކަ. އެ މީހެއްގެ މައްޗަށް ﷲ ކޯފާޔާ ލައުނަތް ލެއްވެވި."
އާދަނުގެ އަނގަ ބަންދުވިއެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ