36 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު އާއްމުކޮށްފި

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ.
ފުލުހުން މައުލޫމާތުދޭގޮތުން، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ