ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ގައުމީ ކަމެއް ކަމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެއީ ސިޔާސީ ކަމަކަށް ނުވަތަ ވަކި ޕާޓީއެއްގެ ވަކި ފިކުރެއްގެ ކަމަކަށް ނުހެދުމަށާއި މިއީ ޤައުމީ ކަމެއް ކަމަށެވެ. އަދި މި ދެ އިންތިޚާބު އެކީ ބޭއްވުން މިއީ މިޤައުމަށް މިވަގުތު ނުހަނު މުހިންމު ކަމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މި ދެ އިންތިހާބު އެކީ ބޭއްވިޔަސް ގޮތް ނިންމާނީ ހަމަ ރައްޔިތުން. ރައީސުލްޖުމްހޫރިއްޔާ ވެސް އަދި މެންބަރުން ވެސް ހޮވިގެން ދާނީ ރައްޔިތުން ވޯޓު ދެއްވާ ގޮތަކަށް. މި ދެ އިންތިޚާބު އެކީ ބޭއްވުމުން އިންތިޚާބުތައް ކައިރިކައިރީގައި ބޭއްވުމުން އަޅުގަނޑުމެންގެ މިޤައުމުގެ ހިންގުމުގެ ނިޒާމުގައި ޒަމާނުއްސުރެ ހުރި ގިނަގުނަ މައްސަލަތަކަށް އެދެވޭ ޙައްލެއް ލިބިގެންދާނެ،" ނިޒާރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ދެކޮޅަށް އަންނަ މަހުގެ 21 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ގައުމީ ކަމެއް: ނިޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ