ފެކްޓު ޗެކް: އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ފަލާހު ދެއްކެވި ވާހަކަތަކުގައި ހަގީގަތެއް ނެތް! ފެކްޓު ޗެކް: އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ފަލާހު ދެއްކެވި ވާހަކަތަކުގައި ހަގީގަތެއް ނެތް!

ގދ. ތިނަދޫ ކައުންސިލަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ މާލޭގެ ޖަގަހަ ހުޅުވުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. ނަމަވެސް، އޭނާ ހުށަހެޅުއްވި ބައެއް ހިސާބުތަކާއި އިދިކޮޅު އެމްޑީޕީއަށް ކުރެއްވި ތުހުމަތުތަކުގައި ހަގީގަތެއް ނެތެވެ.
ދެ އިންތިހުބު އެއްކޮށްލުމުން ކޮންމެ އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ތިބޭފުޅުން ބައްލަވާ ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓަށް 80 މިލިއަން ރުފިޔާ ހަމައެކަނި ރުފިޔާއިން ފައިދާވޭ. ކޮންމެ އިންތިހާބަކަށް ދިމާކޮށް ދައުލަތަށް އެތައް ހަރަދެއް ހިނގާނެ ކަމެއް ކުރަންޖެހޭ،" ފަލާހު ވިދާޅުވި އެވެ.
މިއީ އޮޅުވައިލުމެކެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ދެ އިންތިހާބެވެ. އެހެންކަމުން، ދެ އިންތިހާބު އެއްކޮށްލުމުން 80 މިލިއަން ރުފިޔާ ސަލާމަތްވާނީ ކޮންމެ އަހަރަކު ނޫނެވެ. އެއީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އެއްފަހަރު ސަލާމަތްވާނެ އަދަދެކެވެ.
މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް 84 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާއިރު، ދެ އިންތިހާބު އެއްކޮށްލުމުން މި ބަޖެޓުން ގިނަ ހަރަދުތަކެއް ކުޑަވާނެ އެވެ. ނަމަވެސް އެއީ ކޮންމެ އަހަރެއްގައި ލިބޭ ފައިދާއެއްގެ ގޮތުގައި ސިފަކުރުމަކީ ހަގީގަތް އޮޅޭ ކަމެކެވެ.
ފެންނަ ނުފެންނަ ވޯޓު ނަގާތީ އެމްޑީޕީން ދެކޮޅު ހަދަނީ 12 މެންބަރުންގެ ހަ މަސްދުވަހުގެ މުސާރަ ގެއްލޭތީ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ކިހިނެއްތޯ މިވަރުގެ ބަޔަކާ އެއްކޮށް މި ގައުމުގެ ރައްޔިތުން އުޅޭނީ. މި ދަންނަވަނީ ގައުމަކަށް ލިބެން އޮތް އެތައް ސަތޭކަ މިލިއަން ރުފިޔާއަކާއި އެމްޑީޕީގެ 12 މެންބަރުންގެ ރައްޔިތުންގެ މަޖިލީހުގެ ހަ މަސް ދުވަހުގެ މުސާރައާ އަޅުވާފައި މި ވާހަކަ ދައްކަނީ. މިއީ މައްސަލައަކީ،" ފަލާހު ވިދާޅުވި އެވެ.
މިއީ ސާބިތު ނުހިފޭ ތުހުމަތެކެވެ. އެމްޑީޕީން އިންތިހާބުތައް އެއްކޮށްލުމާ މެދު ކަންބޮޑުވުން ފާޅުކުރަނީ ދިވެހިރައްޔިތުން އެތައް ޒަމާނެއްގެ މަސައްކަތުން ހޯދި ޑިމޮކްރެޓިން ނިޒާމު އެފުށްމިފުށަށް ޖެހިދާނެތީ އެވެ. މެންބަރުންގެ މުސާރައަށްވާ "ލާރިކޮޅުގެ" ވާހަކައަކީ ސިޔާސީ ގޮތުން ރައްދު ދިނުމަށް ބޭނުންކުރި އުކުޅެކެވެ. އެއްވެސް ރަސްމީ މަސްދަރަކުން ނުވަތަ އެމްޑީޕީގެ ބަޔާނަކުން މުސާރައާ ގުޅޭ ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެ އެވެ.
އަދި އިންތިހާބުތައް އެއްކޮށްލުމުން އެތައް ސަތާކަ މިލިއަން ރުފިޔާއެއް ސަލާމަތް ވާނެ ކަމަށް ފަލާހު އެ ވިދާޅުވީ އެއްވެސް ހިސާބު ޖެހުމެއް ނެތި އެވެ.
އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2009 ގައި ބޭއްވި މަޖިލީހުގެ އިންތިހާބަށް 22 މިލިއަން ރުފިޔާ ހަރަދުވިއިރު، 2014 ގެ އިންތިހާބަށް ހަރަދުކުރީ 25.9 މިލިއަން ރުފިޔާ އެވެ. އަދި 2019 ވަނަ އަހަރު 45.4 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ބޭއްވި މަޖިލީހުގެ އިންތިހާބަށް 84.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ފަލާހުގެ ހިސާބުކުރުމަށް ބަލާނަމަ ކޮންމެ އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނަމަ ފަސް އަހަރުން 400 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. ނަމަވެސް ހަގީގަތަކީ، ރާއްޖޭގައި ބާއްވާ މައިގަނޑު ތިން އިންތިހާބަށް ވެސް މިވަރު ހަރަދެއް ނުވެ އެވެ. އެހެންވެ، ފަލާހު އެ ހެއްދެވީ ކަނޑައެޅިގެން ދޮގެކެވެ. އެއީ ރައްޔިތުންނަށް ހަގީގަތް އޮޅުވައިލުމެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާ ނިސްބަތް 80-90 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. ނަމަވެސް މިއީ ދިރާސީ ބުރަދަނެއް ނެތް އުންމީދީ ވާހަކައެކެވެ. ރާއްޖޭގެ އިންތިހާބީ ތާރީހަށް ބަލާލަމާ ހިނގާށެވެ.
އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އިންތިހާބުގައި (2009) ވޯޓުލީ 78.15 ޕަސެންޓު މީހުންނެވެ. 2014 ގެ އިންތިހާބުގައި ވޯޓުލީ 78.80 ޕަސެންޓު މީހުންނެވެ. އޭގެ ފަހުން 2019 ގެ އިންތިހާބުގައި 81.32 ޕަސެންޓު މީހުން ވޯޓުލިއިރު، 2024 ގައި ވޯޓުލީ 76.27 ޕަސެންޓު މީހުންނެވެ.
އާ ގާނޫނުއަސާސީއަށް ފަހު 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ 85.37 ޕަސެންޓު މީހުންނެވެ. ދެ ވަނަ ބުރުގައި 86.58 ޕަސެންޓު މީހުންނެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓު ލާފައި ވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ އެވެ. އެ ފަހަރު 91.40 ޕަސެންޓު މީހުން ވޯޓުލި އެވެ. އެފަހަރު ފުރަތަމަ ބުރުގައި ވޯޓުލީ 87.20 ޕަސެންޓު މީހުންނެވެ.
އެއްބުރުން އިންތިހާބު ކާމިޔާބުކުރި 2018 ވަނަ އަހަރު ވޯޓުލާން ނުކުތީ 89.22 ޕަސެންޓު މީހުންނެވެ. އަދި އެންމެ ފަހުން ބޭއްވި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި 79.85 ޕަސެންޓު މީހުން ވޯޓުލިއިރު، ދެ ވަނަ ބުރުގައި ވޯޓުލީ 87.31 ޕަސެންޓު މީހުންނެވެ.
ދެ އިންތިހާބު އެއްކޮށްލުމުން، ވޯޓުލާން މީހުން ނުކުންނަ މިންވަރު އިތުރުވެދާނެ ކަމަށް ފަލާހަށް ލަފާކުރެވުނަސް އިންތިހާބުތަކުގައި ވޯޓުލާފައިވާ ނިސްބަތްތަކަށް ބަލާއިރު، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު 90 ޕަސެންޓަށް އެރުމަކީ ދުރުގައި އޮތް ކަމެކެވެ. މި ވާހަކަ ފަލާހު ވިދާޅުވީ ދިރާސާއެއްގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި އަމިއްލަ ހިޔާލީ ވާހަކައެއް، ނުވަތަ އުއްމީދެއްގެ ގޮތުގަ އެވެ.
އިންތިހާބުގެ ހަރަދު ބޮޑުކަން ދެއްކުމަށް ފަލާހު މަސައްކަތް ކުރެއްވިޔަސް ދެ އިންތިހާބު އެއްކޮށްލައިގެން ކޮންމެ އަހަރަކު 80 މިލިއަން ރުފިޔާގެ ފައިދާއެއް ނުލިބެ އެވެ. އަދި އެމްޑީޕީން އިން ވޯޓަށް އިދިކޮޅު ހަދަނީ ހަމައެކަނި 12 މެންބަރެއްގެ މުސާރަ ކަމަށް ވިދާޅުވުމަކީ ސިޔާސީ ގޮތުން ހަގީގަތް އޮޅުވާލުމެކެވެ.
ދެ އިންތިހާބު އެއްކޮށްލަންޖެހެ ސަބަބެއްގެ ގޮތުގައި ޕީއެންސީން މައިގަނޑު ގޮތެއްގައި ބުނަނީ ހަރަދު ކުޑަވާނެ ވާހަކަ އެވެ. ނަމަވެސް ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް އޮތް ނަމަ، ރައްޔިތުންނަށް ބަސްބުނަން ލިބޭ ފުރުސަތެއް ގެއްލުވާނުލައި، ހަރަދު ކުޑަކުރެވޭނެ އެހެން ކަންކަން އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ