މިހާރު އޮތް މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ޕީއެންސީގެ ކައުންސިލަރުން އޮފީހުން ފެނިވަޑައިނުގަންނަވާ ކަމަށާއި މުސާރައިގެ ގޮތުގައި 35،000ރ. ނަންގަވައިގެން މަސައްކަތެއް ނުކުރައްވައި އެ ކައުންސިލަރުން ތިއްބަވަނީ ގޭގައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެ މޭޔަރުކަމުގެ ދެ ވަނަ ދައުރަކަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ އާދަމް އާޒިމް، ވާދަވެރި ޕީއެންސީގެ ކައުންސިލަރުންނަށް ބަހުގެ ހަމަލާތަކެއް ދެއްވީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - އެ ޖަލްސާގައި އާޒިމްގެ ވާހަކަ ފެއްޓެވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ސަބަބުތަކާ ގުޅޭ ގޮތުންނެވެ. މިހާރު މާލޭ ސިޓީ ކައުންސިލަކީ ޕީއެންސީގެ ފުރިހަމަ އަގުލަބިއްޔަތު އޮތް ކައުންސިލެއްކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ ކައުންސިލްގެ ޕިއެންސީ މެންބަރުން "ނިދާ ހޭލައިގެން އޮފީހަށް" ވަޑައިނުގަންނަވާ ކަމަށެވެ.
"އެ ބޭފުޅުންނަށް [ޕީއެންސީ ކައުންސިލަރުން] އޮފީހަކަށް ނާދެވޭ. ކައުންސިލް ޖަލްސާއެއް ކީއްކުރަން، އޮފީހަކަށް ވެސް ނާދެވޭ. އޮފީހުން އަޅުގަނޑަށް އޭގެ މީހުން ނުފެންނަތާ މިހާރު ތިން ވަރަކަށް މަސް ވެއްޖެ. ކޮންމެ ބޭފުޅަކު 35،000ރ. މުސާރަ އެބަ ނަގާ. 35،000ރ. މުސާރަ ނަގައިގެން ގޭގައި،" އާދަމް އާޒިމް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ހަފްތާއަކު އެއްފަހަރު ބާއްވަ އެވެ. ނަމަވެސް މިފަހުން ތާވަލް ކުރި ގިނަ ޖަލްސާތައް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހުނެވެ. ގާނޫނުގައިވާ ގޮތުން ޖެހިޖެހިގެން ހަތް ޖަލްސާއަށް ހާޒިރު ނުވާ ނަމަ، އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށް ފަހު އެ ކައުންސިލަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
އާޒިމް ރޭ ވިދާޅުވި ގޮތުގައި، ޕީއެންސީ ކައުންސިލަރުން ގޮނޑި ގެއްލިދާނެތީ ޖެހިގެން ހަ ޖަލްސާއަށް ހާޒިރުނުވެ ތިއްބެވުމަށް ފަހު، ހަތް ވަނަ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ.
"މިއީ އެ މީހުންގެ ހާލަތު ހުރި ގޮތަކީ... އަޅުގަނޑު ހިތަށް އަރާ ރައްޔިތުންގެ ފައިސާއިން މިއަށް ވުރެ ބޮޑު ވައްކަމެއް، ކޮރަޕްޝަނެއް ނުކުރެވޭނެއޭ. ހިދުމަތެއް ނެތި، މުސާރަ ނަގަމުން އެ ދަނީ،" އޭގެ ތެރެއިން ބައެއް ކައުންސިލަރުން މިފަހަރުގެ ކައުންސިލް އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ތިއްބެވިކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވި އެވެ.
ޕީއެންސީ ކައުންސިލަރުން އޮފީހަކުން ނުފެނޭ، މުސާރަ ނަގައިގެން ތިބެނީ ގޭގައި: މޭޔަރު އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ