ވެމްކޯގެ މަސައްކަތްތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާތީ، އެޗްއާރުސީއެމުން ތަހުގީގެއް ފަށަނީ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މަސައްކަތު މަހާއުލުގެ ސަލާމަތާއި ރައްކާތެރިކަން ދެނެގަތުމަށް ތަހުގީގެއް ފަށަން ނިންމާފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ. ތަހުގީގު ފަށަން ނިންމާފައި ވާކަން އެ ކޮމިޝަނުން ހާމަކޮށްފައި ވަނީ، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ވެސް، ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުންނެވެ. އެޗްއާރްސީއެމްގެ ޕޯސްޓެއްގައި ވަނީ، ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުން ދާކަން ފާހަގަކޮށްފައެވެ. އެހެންކަމުން ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން އެ ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. https://x.com/hrcmv/status/2026372214266933582 ފުލުހުން ވަނީ، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ، އިއްޔެ ހަވީރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި އޭނާ ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރު ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް މީހަކު ވަނީ ވެއްޓިފައެވެ. އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. https://sun.mv/218331 އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. މީގެ ކުރިން، މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން، މަރުވެފައި އޮއްވައި އުމުރުން 24 އަހަރުގެ ބިދޭސީއެއް ވަނީ ފެނިފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެންނެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެ ތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ. https://www.sun.mv/217461 އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސްކެވޭޓަރު ދުއްވަން އިން، ސްރީލަންކާގެ މީހާ ހައްޔަރުކޮށްފައެވެ. ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށް، އަދިވެސް ހުރީ ބަންދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ