ފުރާގު ބޯޓުން މިލަންދުއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފި

ށ. ފޯކައިދޫ، ފުރާގު ބޯޓުން އެ އަތޮޅު މިލަންދުއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިލަންދޫ، ގިރިޓީކުރާގޭ އަބްދުﷲ ޝުޖާއު، 48 އެވެ. އަބްދުﷲ ޝުޖާއު ހައްޔަރުކޮށް މިލަންދޫ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކޮށްފައި ބަހައްޓަންވަނީ މިއަދު އަމުރުކޮށްފައެވެ. ޝުޖާއުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށް ބެލި ބެލުމުން އޭނާގެ އަތުން ފެނުނު 55 ރަބަރު ޕެކެޓުގައި މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ އަތުން ފެނުނު މަސްތުވާތަކެތި، ޓްރެފިކިން މިންގަނޑަށް އަރާކަން ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އޭނާ ހައްޔަރު ކުރީ އިއްޔެއެވެ. އަދި އޭނާގެ މުއްދަތު ޖެހީ މިއަދުއެވެ. ބަންދު އަމުރުގައި ޝުޖާއުއާ ގުޅޭ ގޮތުން ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ ބުނެފައިވަނީ އޭނާއަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮންނަ މީހެއް ކަމަށެވެ. https://sun.mv/218342 މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކުރިއިރު، ޕޯސްޓުން ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހަކު މި ހަފްތާގައި 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ. އެއީ ވ. ޢަލީ މުފާވިޒް، ސ.މީދޫ / ހުދުވިލާގެ އެވެ. މީގެ އިތުރުން، ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ހައްޔަރުކުރި މީހަކު، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގައި 75 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން އެ ހުކުމްކުރީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ)ގެ މައްޗަށެވެ. https://sun.mv/218345 އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓާއެކު ކުޅުދުއްފުށިން ދެ މީހުން މި ހަފްތާގައިވަނީ ހައްޔަރުކޮށްފައެވެ. އެއީ، ހދ. ހަނިމާދޫ/ ނަޞްރު، މުޙައްމަދު ޝާކިރު (47އ) އާއި ހދ. ކުޅުދުއްފުށި/ މޫންރީފް، މުޙައްމަދު އިބްރާހީމް (38އ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ