އެމެރިކާއަށް ހަމަލާ ދެވޭވަރުގެ ހަތިޔާރު އީރާނުން ތަރައްގީކުރާ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ރާގު ބަދަލުކޮށްލައިފި
ވޮޝިންޓަން (25 ފެބްރުއަރީ 2026): ނިއުކްލިޔާ ހަތިޔާރު ތަރައްގީކުރުމުގެ އިތުރުން އެމެރިކާއަށް ހަމަލާދެވޭފަދަ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް ތަރައްގީ ކުރުމަށްވެސް އީރާން މަސައްކަތް ކުރާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ. އެމެރިކާގެ ކޮންގްރެސްއާ މުޚާތަބުކުރައްވައި ޓްރަމްޕް ދެއްވި ރިޔާސީ ބަޔާން (ސްޓޭޓް އޮފް ދި ޔުނިޔަން)ގައި އޭނާވަނީ ކުރިން އީރާނުގެ މައްޗަށް ނުކުރާ ތުހުމަތުތަކެއް މިފަހަރު އީރާނުގެ މައްޗަށް ކުރައްވާފައެވެ. އެއީ އެމެރިކާއަށް ހަމަލާދެވޭފަދަ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް ތަރައްގީކޮށް އެމެރިކާއަށް ހަމަލާދޭން މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ. އަލްޖަޒީރާ ބުނާގޮތުން އީރާނަށް އިސްވެ ހަމަލާދީ އީރާނަށް އަރައިގަތުމަށް އެމެރިކާ ތައްޔާރުވަނީ އިސްރާއީލަށްޓަކައި އަދި ސީދާ އިސްރާއީލުގެ މަގްސަދެއް ހާސިލް ކޮށްދިނުމަށް ކަމަށް ބުނެ އެމެރިކާގައި ޓްރަމްޕް އާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް އޮއްބާލުމެވެ. އޭގެ ބަދަލުގައި އީރާނަށް އަރައިގަންނަން މަސައްކަތް ކުރަނީ ސީދާ އެމެރިކާގެ ދިފާއުގައި ކަމަށް ބުނެ އެމެރިކާ ރައްޔިތުންނަށް މި މައްސަލައިގެ ހަގީގަތް އޮޅުވާލުމެވެ. އެެމެރިކާއަށް ހަމަލާ ދެވޭވަރުގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް ތަރައްގީ ކުރަން އީރާން މަސައްކަތް ކުރާކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމާބެހޭ އެއްވެސް ހެއްކެތް ޓްރަމްޕަށް ދެއްކިފައެއް ނުވެއެވެ. އެމެރިކާއާއި އީރާނާ ދެމެދު ގާތްގަނޑަކަށް 10 ހާސް ކިލޯމީޓަރު ހުރެއެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް މިހާތަނަށް ބުނެފައިވާ ގޮތުގައި އީރާނުން އުފައްދަނީ ކުރުރާސްތާއާއި މެދުރާސްތާގެ މިސައިލް އެކަންޏެވެ. އެއީ ސަތޭކަ ކިލޯމީޓަރާއި 3 ހާސް ކިލޯމީޓަރާ ދެމެދުގެ ރާސްތާގެ މިސައިލްތަކެވެ. އެހެންކަމުން އީރާނުން އެމެރިކާއަށް ހަމަލާދެވޭފަދަ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް ތަރައްގީ ކުރާ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި މިވާހަކަ ތަކަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އިރާގަށް އަރައިގަތުމުގެ ހުއްޖަތް ހޯދުމަށާއި އެކަން ޖަސްޓިފައި ކުރުމަށް 2003 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ދެއްކެވި ފަދަ ދޮގުވާހަކަ ތަކެއް ކަމަށް ރިޕޯޓްތަކުގައިވަނީ ފާހަގަ ކޮށްފައެވެ. އީރާނުން އެމެރިކާއަށް އެއްވެސް ގޯނާއެއް އުނދަގުލެއް ނުކޮށް އޮއްވައި އެމެރިކާ ގެންދަނީ އދ. އަށް ގޮންޖަހައި ބައިނަލްއަގްވާމީ ގާނޫނުން ބޭރުވެ އީރާނަށް ބިރުދައްކައި އީރާނަށް އަރައިގަތުމަށް ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މެދުއިރުމައްޗަށް އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތަކާއި ފައިޓާ ޖެޓާއި ބައިލައްކައަށްވުރެ ގިނަ ސިފައިންނާއި ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވާފައެވެ. އީރާނަށް ހަމަލާދޭން އެމެރިކާއަށް ޕްރެޝަރުކުރަނީ ޔަހޫދީ އިސްރާއީލުންނެވެ. އެއީ އިސްރާއީލުން އުދުވާނެއް ހިންގައިފިނަމަ އެކަމަށް ރައްދު ދެވޭވަރުގަދަ ބާރުގަދަ ގައުމެއްގެ ގޮތުގައި އީރާން އަމިއްލަ ޓެކްނޮލޮޖީގައި ކުރިޔަށް ގޮސްފައިވާކަން މިދިޔަ އަހަރު އިސްރާއީލުން އީރާނަށް ހަމަލާދިނުމުން އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުން ޔަގީން ވެފައިވާތީއެވެ. އީރާން ވަނީ ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާކަމަށް ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެމެރިކާ ގެންދަނީ މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ހައްގުން ވެސް އީރާން މަހުރޫމް ކުރުމަށް ޕްރޭޝަރު ކުރަމުންނެވެ. އީރާން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. އީރާން ބުނާގޮތުން އެމެރިކާ އެއްވެސް ހައްގަކާނުލައި އެމެރިކާ ހަމަލާދީ އަރައިގަތް ކަމަށް ވިޔަސް އީރާނުން މަދަނީ ނިއުކްލިޔާ ހައްގުތައް ދުލެއް ނުކުރާނެއެވެ. އަދި އެމެރިކާގެ އުދުވާނާއި އަނިޔާވެރިކަމުގެ ކުރިމަތީގައި އަމާން ނުދީ އަމިއްލަ ނަފްސު ދިފާއު ކުރުމުގައި ކުރިޔަށްދާނެ ކަމުގައެވެ. އެމެރިކާގެ ހަރުކަށި ރައީސް ވަނީ އީރާނުގެ އިސްވެރިން އަވަހާރަކޮށްލާނެކަމުގެ އިންޒާރާއި އީރާނުގެ ވެރިކަން ބަދަލުކޮށް އެމެރިކާއަށް ބޯލަނބާ ވެރިކަމުގެ ނިޒާމެއް އީރާނުގައި ގާއިމް ކުރުމަކީ އެމެރިކާ ގެ މަގްސަދު ކަމަށް ވިދާޅުވެ އީރާނަށް ހަރުކަށި އިންޒާރުތައް ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ