ދޮންދަރިޔާ ބެހިގެން 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓު
އުމުރުން އެންމެ 12 އަހަރުގެ ދޮންދަރިޔާ ބެހުނު ދޮންބައްޕަގެ މައްޗަށް އިއްވި 15 އަހަރުގެ ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، އޭނާގެ ދޮންދަރި އަކަށް އޭނާ ދިރިއުޅޭ ގޭގެ، އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި އެކުއްޖާގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ހުކުމެވެ. މި މައްސަލައިގައި ދަށު ކޯޓުން އޮތީ ދޮންބައްޕަ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. ފަނަރަ އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ އިސްތިއުނާފުކުރީ ދޮންބައްޕަގެ ފަރާތުންނެވެ. ދޮންބައްޕަގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ ބެލި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ 15 އަހަރުގެ ޖަލު ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ބެލީ، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، އަބްދުލްމާނިއު ހުސައިން އަދި އަބްދުﷲ ޖަމީލް މޫސާއެވެ. މި މައްސަލައަކީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންގޮސްފައިވާ މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދޮންބައްޕަވަނީ 12 އަހަރުގެ ދޮންދަރިޔަށް ހުތުރު އެތައް އަމަލެއްކޮށްފައެވެ. އެގޮތުން އެ ކުއްޖާއަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯ ދެއްކުމާއި ލަދުވެތި ގުނަވަންތަކުގައި އަތްލުން ފަދަ އެތައް ކަމެއް ހިމެނެއެވެ. އަދި އެކަންކަން ސިއްރު ކުރުމަށް ކުއްޖާކައިރީގައި އެކި ފަހަރު މަތިން ބުނެފައިވާކަންވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ