ވެމްކޯގެ މަސައްކަތު މާހައުލުގެ އަވަސް ތަހުގީގެއް އެޗްއާރުސީއެމުން ހިންގަނީ
ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކަމުގެ އަވަސް ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ނިންމައިފި އެވެ.މާލޭގެ ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފަކު އެ ތަނުގެ ވެހިކަލެއް ތެރެއަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނީ، ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރުގަ އެވެ.މީގެ ކުރިން ވެސް ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގިއިރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި ވެމްކޯ ސައިޓުތަކުގައި އެއްވެސް ރައްކާތެރިކަމެއް ނެތްއިރު މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ވެސް ނޯވެ އެވެ. އެޗްއާރުސީއެމުން މިއަދު ހެނދުނު ބުނީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އަވަސް ތަހުގީގެއް ހިންގަން ނިންމީ ރޭ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.މި ތަހުގީގަކީ މަސައްކަތުގެ މާހައުލުގައި ހުރި ނުރައްކާތައް ދެނެގަނެ، މުވައްޒަފުންގެ ހައްގުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޗްއާރްސީއެމްއިން އަޅާ ފިޔަވަޅެކެވެ.ވެމްކޯ ސައިޓުގައި ހިނގީ ކޮން ކަހަލަ ހާދިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ވެމްކޯއިން ވެސް މިހާތަނަށް ރަސްމީކޮށް މިކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ