ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ފްލޯޓިން އެކްސްޗޭންޖު ނިޒާމަކަށް ދިއުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިއްމު - ފްލޯޓިން އެކްސްޗޭންޖު ރޭޓަކީ ބާޒާރުން އޭގެ އަމިއްލަ ޒާތުގައި ޑޮލަރުގެ އަގު ކަނޑައަޅާ ނިޒާމެވެ. ރާއްޖޭގައި އޮންނަނީ ފިކްސްޑް އެކްސްޗޭންޖް ރޭޓު ނިޒާމެކެވެ. މި ނިޒާމުގައި ޑޮލަރު ގަނެވިއްކާނެ އަގު ކަނޑައަޅަނީ މަރުކަޒީ ބޭންކުންނެވެ.
ތަފްސީލް - ނަޝީދު މިއަދު 'އެކްސް'ގައި ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ދަށްކޮށް، ޑޮލަރުގެ އަގު 20ރ.އަށް ބަދަލުކުރި ނަމަވެސް، އެ ރޭޓުގައި ބޭންކުތަކުން ޑޮލަރު ނުލިބޭ ނަމަ ކަޅު ބާޒާރު ގަދަޔަށް ހިނގާނެ ކަމަށެވެ.
"ރާއްޖެއަށް ރަނގަޅު ގޮތަކީ އެކްސްޗޭންޖު ރޭޓު މުޅިން ފްލޯޓުކޮށް، ދޫކޮށްލުން. ޑޮލަރުގެ އަގަކީ ބާޒާރުގެ ތޮބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުން،" ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42ރ.އަށް ވިޔަސް، ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި އާންމުކޮށް ޑޮލަރުގެ އަގު އުޅެނީ 20ރ. އިން މަތީގަ އެވެ.
ވިޔަފާރިވެރިން ބޭނުންވާ މިންވަރަށް ރަސްމީ ޗެނަލްތަކުން ޑޮލަރު ލިބުން ދަތިވެ، ކަޅުބާޒާރުން ޑޮލަރު ގަންނަން ޖެހުމަކީ ތަކެތީގެ އަގުތައް އުފުލުވުމަށް ވެސް މެދުވެރިވާ ސަބަބެކެވެ.
ގުޅުން ހުރި - ރާއްޖޭގެ އެކްސްޗޭންޖު ނިޒާމު ފްލޯޓު ކުރުމަކީ އެންމެ ފައިދާވާނެ ގޮތްކަމަށް ނަޝީދު ވިދާޅުވި އިރު، މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް އެކުލަވައިލި ގަވާއިދާއި ގާނޫނު ފަހުން އުވާލާނެ ކަމަށާއި އެއަށް ފަހު އުންމީދަކީ ފްލޯޓިން އެކްސްޗޭންޖް ރޭޓު ނިޒާމަކަށް ބަދަލުވުން ކަމުގައި އެމްއެމްއޭގެ ގަވަރުނަރާ ހަވާލާދީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.
ރާއްޖެއަށް އެންމެ ރަނގަޅުވާނީ ފްލޯޓިން އެކްސްޗޭންޖު ނިޒާމަކަށް ދިއުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ