ޕޭޖެއްގެ ޑެލިވަރީއެއް ކަމަށް ބުނެ ޕޯސްޓުން ޑްރަގު ފޮށިގަނޑެއް ނެގި މީހަކު 15 އަހަރަށް ޖަލަށް

ޕޭޖެއްގެ ޑެލިވަރީއެއް ކޮށްދޭން ކަމަށް ބުނެ މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓު އޮފީހަށް ދިޔަ މީހަކު 75،000ރ.އިން ޖޫރިމަނާކޮށް، 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި އަލީ މުފާވިޒު، ހުދުވިލާގޭ/ސ. މީދޫގެ މައްޗަށް ކުރީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ދައުވާގައިވާ ގޮތުން:
20 ޑިސެމްބަރު 2023ގައި މުފާވިޒް ރާއްޖެ ގެނެސްފައިވާ ރީނދޫކުލައިގެ ފޮށިގަނޑު އެކްސްރޭ މަރުހަލާގައި ސާފުނުވާތީ އިތުރަށް ބަލަންޖެހޭ ކަމަށް ކަސްޓަމްސްއިން ފާހަގަކޮށްފައިވޭ
އެ ފޮށިގަނޑު ބަލައި އޭގެ ތިން ދުވަސް ފަހުން މުފާވިޒް ޕޯސްްޓް އޮފީހަށް ދިއުމުން އޭނާގެ ހާޒިރުގައި ކަނޑާ ބެލާފައިވޭ
މަސްތުވާތަކެތި ފޮރުވާފައި ހުރީ މި ފޮށިގަނޑުގެ ތެރޭގައި ހުރި ކުޑަކުދިންގެ ކިޔެވުމަށް ބޭނުންކުރާ ކުޅޭއެއްޗެހިތަކެއްގެ ތެރޭ އޮތް ދެ ފޮތުގެ ބަނޑޭރިގަނޑުގެ ތެރޭގައި
އެތަކެތި ބަލާ ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ކެތިނޯން'އަށް ޕޮޒިޓިވް ވެފައިވޭ
ތަފްސީލް - ދައުވާއަށް އިންކާރުކޮށް އޭނާ ކޯޓުގައި ބުނެފައިވަނީ، އޭނާއަކީ ފޭސްބުކްގައި 'އެފްބީ ކާޓު' ނަމުގައި ޑެލިވަރީ ވިޔަފާރި ހިންގަމުން އައި މީހެއް ކަމަށާއި ރައްޓެއްސެއް ހިންގާ 'ރާއްޖެ ޑެލިވަރީ' ކިޔާ ޕޭޖެއްގެ ޑެލިވަރީސްތަކުގައި ވެސް މަސައްކަތްކުރާ ކަމަށެވެ. އެދުވަހު ޕޯސްޓަށް ދިޔައީ، ޕޯސްޓުގައި އިން ޕެކޭޖެއް ނަގައިދޭން 'ރާއްޖެ ޑެލިވަރީ'އަށް އައި ރިކުއެސްޓަކާއި ގުޅިގެން އޭގެ ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ސިޓީއެއް ހިފައިގެން ކަމަށް ވެސް ބުންޏެވެ. އެކަަމަކު، އެ ފޮށިގަނޑު ނަަގަންދިޔައިރު އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުންޏެވެ.
އެއީ ރަށްޓެއްސަކު ބުނެގެން ހަވާލުވާން އައި ފޮށިގަނޑެއް ކަމަށް ބުނާތީ، މުފާވިޒު ދިން ފޯނު ނަންބަރަށް ގުޅައިގެން އޭނާއާ ބައްދަލުކުރެވޭތޯ ފުލުހުން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އޭނާ ފޯނަށް ޖަވާބު ނުދޭތީ އާއި އޭނާގެ މައުލޫމާތު ނޭނގޭ ކަމަށް މުފާވިޒް ބުނާތީ އެއީ ކާކުން ހޯދޭގޮތެއް ނުވެ އެވެ. 
ފޮށިގަނޑު ބަލާދިއުމަށް އެމީހަކު 17 ފަހަރު މުފާވިޒުގެ ނަންބަރަށް ގުޅާފައިވެ އެވެ. އެއީ ކީއްވެތޯ، ސުވާލުކުރުމުން މުފާވިޒް ބުނެފައިވަނީ، 'ރާއްޖެ ޑެލިވަރީ'ގެ ޑެލިވަރީ ނަންބަރަކަށް ޕޭޖުގައި ޖަހާފައިވަނީ އޭނާގެ ނަންބަރު ކަމަށްވާތީ ކަމަށެވެ.
އެކަމަކު އެ ޕޭޖުގެ ވެރިޔާ ދިން ބަޔާނުގައި ބުނެފައިވަނީ، އެ ޕޭޖުގެ ޑެލިވަރީ ނަންބަރަކަށް މުފާވިޒުގެ ނަންބަރު ޖަހާފައިނުވާނެ ކަމަށާއި އެކަން ހިނގުމުގެ ދޮޅުމަހެއްހައި ދުވަސްކުރިން މުފާވިޒް އާއެކު މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މުފާވިޒު، އެދުވަހު އެ ޕޭޖުގެ ޑެލިވަރީއަކަށް ގޮސްފައިނުވާނެ ކަމަށް ޕޭޖުގެ ވެރިޔާ ބުންޏެވެ. 
މި މައްސަލާގައި، ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމްގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ބުނެފައިވަނީ، މަސްތުވާތަކެތި ހުރި ފޮއްޓާ ހަވާލުވެ، އެ ފޮށި ވަކި މީހަކަށް ހަވާލުކުރަން އުޅުނުކަން މުފާވިޒުގެ ބަހުން އެނގޭތީ އެ ކުށުގެ އަމަލުގެ ރުކުން ފުރިހަމަވާ ކަމަށެވެ.
ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި ދެގޮތަށް ވާހަކަދައްކާފައިވާތީ އާއި އެއީ ރަށްޓެއްސަކު ބުނެގެން ހަވާލުވާން އައި ފޮށިގަނޑެއް ކަމަށް ބުންޏަސް އެމީހާގެ ފުރިހަމަ މައުލޫމާތު ފުލުހުންނަށް ދީފައިނުވާތީ، ކުށުގެ ނިޔަތް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ.
އެހެންވެ، އޭނާގެ މައްޗަށް އިއްވީ:
75،000ރ.ގެ ޖޫރިމަނާއަކާ އެކު، 18 އަހަރުގެ ޖަލު ހުކުމެއް 
ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒުކުރަންޖެހޭނީ، 15 އަހަރާއި 9 މަހާއި 27  ދުވަހުގެ ޖަލު ހުކުމެއް 
ޖޫރިމަނާގެ ފައިސާ އަހަރު ދުވަސްތެރޭ ދެއްކުމަށް އެންގި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ