މި ސަރުކާރުގައި ތިބި ވެރިން ދޮގު ހަދައިގެން މިދިޔަ އެމްޑީޕީ ސަރުކާރު ބަދަލުކުރި ގޮތަށް ދެނެއް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް މާލޭގެ އެމްޑީޕީ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދައިގެން ސަރުކާރަށް އިންތިހާބެއް ކާމިޔާބު ނުވާނެ ކަމަށާއި ރައްޔިތުންނަށް އޮޅުވާލަން ސަރުކާރުން ހަދަމުންދާ ދޮގުތައް އެ ރައްޔިތުންނަށް އެނގޭ ކަމަށެވެ.
"އަޅުގަނޑު ބުނެލަން އޮތީ ދެނެއް އިރާދަކުރެއްވިއްޔާ ޗާގޯސްގެ ވާހަކަ ދައްކައިގެންވެސް އިންޑިއާ ސިފައިންގެ ވާހަކަ ދައްކައިގެންވެސް އަދި އެހެން ވާހަކައެއް ދައްކައިގެންވެސް އެމްޑީޕީ ސަރުކާރުން ކުރި ވައްކަމެއްގެ ވާހަކަ ދައްކައިގެންވެސް ދެނެއް ތިބޭފުޅުންނަށް ކާމިޔާބެއް ނުލިބޭނެ،" އާޒިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މޭޔަރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ އޭނާ މަސައްކަތްކުރާނީ ތެދު ހަދައިގެން ރައްޔިތުންނަށް އޮޅުވާނުލާ ރީތި ކެމްޕެއިނެއް ކުރެވޭތޯ ކަމަށާއި ސަރުކާރުން މިހާރުވެސް ދަނީ ރައްޔިތުންނަށް އޮޅުވާލައި ދޮގުތައް ހަދަމުން ކަމަށެވެ.
މިގޮތުން ކައުންސިލްތަކުގެ މުސާރަ ބޮޑުވެއްޖެ ކަމަށް ބުނެ މާލޭގެ މަގުތަކުގައި ފޮތި ބެނާތައް ދަމާފައިވާއިރު، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ރޯދަ މަހާ ދިމާކޮށް ކުޑަކުރި ކަމަށް އާޒިމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެ ސަރުކާރުގައި ތިބި މީހުން ގެއަށް ފޮނުވާލުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އަންނަން ވެގެން އޭރު އޮތް އެމްޑީޕީގެ ސަރުކާރާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއްކޮށް، ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެތެރެއިން ބައެއް ތުހުމަތުތަކަކީ ދޮގުތަކެއްކަން ފަހުން ވަނީ ފަޅާ އަރާފަ އެވެ.
ދޮގު ހަދައިގެން ދެނެއް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ: އާޒިމް ދޮގު ހަދައިގެން ދެނެއް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ