ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށް ފަހު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެެއްވި އިސްމާއީލް ނަވީން, ގެ ހިދުމަތުގެ އަގު ވަޒަންކޮށްފި އެވެ.
ކުރީގެ ސީޕީ ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން އެވެ.
ފުލުހުންގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް ނަވީންއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔާމަންޓް ކާޑު އަރުވާފައިވެ އެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާ އަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.
މަގާމުން ވަކިވެވަޑައިގެންނެވި ކުރީގެ ސީޕީ ނަވީންގެ ހިދުމަތުގެ އަގު ވަޒަންކުރުން -- ފޮޓޯ: ޕޮލިސް
ރިޓަޔާމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
މަގާމުން ވަކިވެވަޑައިގެންނެވި ކުރީގެ ސީޕީ ނަވީންގެ ހިދުމަތުގެ އަގު ވަޒަންކުރުން -- ފޮޓޯ: ޕޮލިސް
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.
ނަމަވެސް ސީޕީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދެވީ ނަވީންގެ ބެއްލެވުގެ ދަށުންނެވެ. ފުލުހުންގެ ހިދުމަތުން ނަވީން ވަކިވެވަޑައިގެންނެވީ 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
މަގާމުން ވަކިވެވަޑައިގެންނެވި ކުރީގެ ސީޕީ ނަވީންގެ ހިދުމަތުގެ އަގު ވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ