މައި 2 އިންތިހާބު އެއްކޮލާ ވޯޓު ހުއްޓުވަން ހައި ކޯޓަށް ހުށަހަޅައިފި

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އިދިކޮޅު އެމްޑީޕީން ހައި ކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީން މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމިކަން އިއްޔެ އެ ޕާޓީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލް - އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނުއަސާސީއާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ނެރޭ ގަރާރެއްގައި އޭގެ ބޭނުމާއި ހުއްޖަތް ހިމަނަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސްގެ އެ ގަރާރުގައި އެ ކަންކަން ފާހަގަކޮށްފައި ނެތްކަން އެމްޑީޕީން ހުށަހެޅި މައްސާލަގައިވެ އެވެ.
އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން މި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެމްޑީޕީން އެދިފައިވެ އެވެ.
މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އެނގުން މުހިންމު - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެކަމަކު މަޖިލީހުގެ ދައުރަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ ކަމަށް އަގުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާތީ، އެ އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ވޯޓެއް ނަގަން އެބަ ޖެހެ އެވެ.
އެހެންވެ ރައީސް ވަނީ މި މަހުގެ 1 6ވަނަ ދުވަހު ގަރާރެއް ނެރުއްވައި، އަންނަ 4 އޭޕްރީލްގައި އޮންނަ ކައުންސިލް އިންތިހާބާ އެކު މި ވޯޓު ވެސް ނެގުމަށް ނިންމައިފަ އެވެ.
މި އިސްލާހަށް ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ، 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި؛ ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް
އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރު ދުވަހަށް ކަމަށް
މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ވެސް 1 ޑިސެމްބަރަށް ހަމަވާނެ؛ އެ މުއްދަތު ހަމަވުމުން މި މަޖިލީސް އުވިގެން ދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ