އިއްޔެ ހެނދުނުން ފަށައިގެން ނޮޅިވަރަންފަރުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުވީ ދަންވަރު
ހދ. ނޮޅިވަރަންފަރަށް އިއްޔެ ހެނދުނުން ފަށައިގެން ކަރަންޓު ކެނޑިފައި އޮތުމަށް ފަހު، މައްސަލަ ހައްލުކޮށް، ރޭ ދަންވަރު އަލުން ކަރަންޓު ދީފިއެވެ. އިއްޔެ ހެނދުނު 07:30ހާއިރުން ފެށިގެން ނޮޅިވަރަންފަރުގެ އެކި ހިސާބުތަކުން އައީ ކަރަންޓު ކެނޑެމުންނެވެ. އެ ރަށަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކައިން ރޭ ބުނީ، ކަރަންޓު ކެނޑެނީ، އެއް ޖެންސެޓުގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. https://sun.mv/218333 ޖެންސެޓެއްގައި އިންނަ ޑައިނަމޯއަކީ މެކޭނިކަލް އެނާޖީ (ރޮޓޭޝަނަލް މޯޝަން)، ސީދާ ކަރަންޓަށް ބަދަލުކުރާ އިލެކްޓްރިކަލް ޑިވައިސްއެކެވެ. އެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓު ދެވޭނެ ވަގުތެއް ނޭނގޭ ކަމަށް އޭރު ފެނަކައިން ބުނެފައިވެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް މިއަދު 'ސަން'އަށް ވިދާޅުވީ، މައްސަލަ ހައްލުކޮށް، ރޭ ދަންވަރު 2:30ހާއިރުން ފެށިގެން މުޅި ރަށަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ. އެ މައްސަލަ ހައްލުކުރީ، މައްސަލަ ޖެހުނު ޖަނަރޭޓުގައި އެހެން ޖަނަރޭޓަރެއްގެ ޑައިނަމޯ އަޅުވައިގެން ކަމަށް ނަދީމް ވިދާޅުވިއެވެ. އާބާދީގައި 1،200އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަންފަރަށް ކަރަންޓު ފޯރުކޮށްދޭން މިހާރު ހުރީ ދެ ޖަނަރޭޓަރެވެ. އެއީ 800 ކިލޯވޯޓާއި 400 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ