ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.
އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާތަނަށް ޕަންޕުތައް ހަވާލުކޮށްފައިވަނީ ރ. އުނގޫފާރު، ކ. ކާށިދޫ، މ. މުލި، އއ. ފެރިދޫ އަދި ތ. ކަނޑޫދޫ ކައުންސިލާއެވެ. މި މަރުހަލާގައި ޖުމްލަ 20 ރަށަކަށް 40 ޕަންޕު ބެހުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ރަށަކަށް ދެ ޕަންޕާއި އެއަށް ބޭނުންވާ އިތުރު ސާމާނު ފޯރުކޮށްދެވޭނެއެވެ.
އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި ފުރަތަމަ މަރުހަލާގައި ރަށްތައް ހޮވާފައިވަނީ ފާއިތުވި އަހަރުތަކުގައި މިފަދަ ވަސީލަތްތައް ލިބިފައިވާ މިންވަރަށް ބަލައި، މީގެ ކުރިން ފެންހިންދާ ޕަންޕު ލިބިފައިނުވާ ރަށްތަކަށް އިސްކަންދީގެންނެވެ.
މި މަޝްރޫއުގެ ދެވަނަ މަރުހަލާގައި އިތުރު 15 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުލިގަން، ހއ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، އއ. ބޮޑުފޮޅުދޫ، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެތްދޫ، ގދ. ހޯނޑެއްދޫ އަދި ގދ. ކަނޑުހުޅުދޫ ހިމެނެއެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، ނާޒުކު ރަށްރަށުގައި ފެންހިންދާ ނިޒާމުތައް ގާއިމުކުރުމާއި އަވަހަށް އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ