ކައުންސިލަރުން ދިއުމުން ވެސް މުއްތޮލިބު 'ބުރަކަމުން' ބައްދަލެއް ނުވި؛ އަންނަ ހަފްތާއަށް ވަގުތު ދީފި

ހައުސިން އަދި އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާ ބައްދަލުކުރަން އެ މިނިސްޓްރީއަށް މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުން ވަޑައިގަތުމުން ވެސް ބައްދަލުވާ ގޮތެއް ނުވުމުން އަންނަ ހަފްތާގައި އަނެއްކާވެސް އެ މިނިސްޓްރީއަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - މޭޔަރު އާޒިމާއި ކައުންސިލަރުން ހައުސިން މިނިސްޓްރީއަށް މިއަދު ވަޑައިގަތީ މާލޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ހިޔާލާ މަޝްވަރާ ހުށަހެޅުމަށާއި ރައްޔިތުންގެ ހުރި ބައެެއް ކަންބޮޑުވުންތައް ހިއްސާކުރައްވަން ބޭނުންވެ، އެކަމަށް އެދިވަޑައިގެން އުޅުއްވާތާ ދެ އަހަރުވީއިރު ވެސް މުއްތޮލިބު ބައްދަލުކުރައްވާފައިނުވާތީ އެވެ.
މުއްތޮލިބާ ބައްދަލުކުރަން އެތައް ފަހަރަކު އެދިގެން ވެސް އެކަމަށް އިޖާބުނުދިނުމުން މިއަދު އޮތް އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ކައުންސިލަރުން ނިންމެވީ، މުއްތޮލިބާ ބައްދަލުކުރައްވަން އެ މިނިސްޓްރީއަށް ހުރިހާ ކައުންސިލަރުން ވަޑައިގަތުމަށެވެ.
ބުނީ ކީކޭ؟ - އެ މިނިސްޓްރީ މިވަގުތު ހިންގަމުން އަންނަ ދަރުބާރުގެއަށް މިއަދު ހުރިހާ ކައުންސިލަރުން ވެސް ވަޑައިގަތެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ، މިނިސްޓަރުގެ މަސައްކަތްތައް ހުރި ގޮތުން މިއަދު ވެސް ބައްދަލުކުރެވޭ ގޮތް ނުވި ކަމަށެވެ. ކައުންސިލުން ބުނީ:
އަންނަ ހަފްތާގެ ތެރޭގައި ބައްދަލުވުމަކަށް ވަގުތު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި
އެހެންކަމުން އަންނަ ހަފްތާގައި ވެސް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި 
"މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. ނަމަވެސް މިއަދު ޖަވާބު ލިބުނީ، މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ ބައްދަލުކުރެވެން ނެތް ކަމަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުން، މުއްތޮލިބާ ބައްދަލުކޮށް މަަޝްވަރާކުރަންޖެހޭ ކަންކަމުގެ ތެރޭގައި ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއަކާ ގުޅިގެން އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނެއް ވެސް ހިމެނެ އެވެ.
އެ ޕެޓިޝަން މާލޭ ސިޓީ ކައުންސިލަށް ވެސް ވަނީ ލިބިފަ އެވެ. މިއަދުގެ ކައުންސިލް ބައްދަލުުވުމުގައި ބައެއް ކައުންސިލަރުން ފާހަގަކުރެއްވި ގޮތުގައި، އެ ކަންބޮޑުވުންތައް ހުއްޓައި މިހާރު އެ ސަރަހައްދުގައި އެ މަސައްކަތްކުރާ ކުންފުނިން އެތަނަށް ވަނީ ކޮންކްރީޓު އަޅައި އެ މަސައްކަތް ފަށާފަ އެވެ.
އާޒިމް ވިދާޅުވީ، ފުނަވައުގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ ކައުންސިލުން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި އެއީ ސީދާ ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި އެ މަޝްރޫއު ހިންގުމުގެ ސަބަބުން ފުނަވަލަށް ގެއްލުން ލިބެމުންދާތީ، އެ ކަމުގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާކުރަން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އަންނަ ހަފްތާގައި މިނިސްޓަރާ ބައްދަލުކުރެވޭނެ ކަމަށް. ބައްދަލުކުރެވެންދެން އަޅުގަނޑުމެން މި ތަނަށް އަންނާނަން" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ