'ދައުރު'ގައި ޖެހި އަޒާންއާ ގުޅޭ ލިޔުން ނަގަން ކޯޓުން އަމުރެއް ނެރެެފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާންއާ ގުޅޭ ގޮތުން 'ދައުރު'ގައި ޝާއިއުކުރި ލިޔުމާ ގުޅިގެން އޭނާ ކޮށްފައިވާ އަބުރުގެ ދައުވާގެ މައްސަލައިގައި އެ ލިޔުން ނަގަން ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގައި ''އަދަދު'އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭގެ ގެެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ. އެގޮތުން:
އެ މައްސަލައިގައި އޭނާ ވަނީ ވަގުތީ އަމުރަަކަށް ވެސް އެދިފައި
އެއީ، މައްސަލަ ބަލާ ނިމެންދެން، އެ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުންނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް
މިއަދު ކޯޓުން ވަނީ އެ ހުށަހެޅުމާ މެދު ގޮތެއް ނިންމައި އަޒާން އެދިވަޑައިގެންނެވި ގޮތަށް ވަގުތީ އަމުރު ނެރެފައި
ތަފްސީލު - ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި އެ އަމުރުގައި ވަނީ، އެ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލު ކުރުމަކީ އެ ލިޔުން ޑިލީޓް ކުރުން ކަމުގައިވާ ނުވާނެ ކަމަށެވެ. އަދި ސްޓޭޓަސް ބަދަލުނުކޮށް އޮތުމަކީ، އާންމުކޮށް ކޮންމެ ކިޔުންތެރިއަކަށް ވެސް އެ ހުޅުވައި ބެލޭނެ ގޮތަށް އޮތުން ކަމަށް ދެ ފަރާތުގެ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.
އެެއާ އެކު، އެ އަމުރުގައި ބުނީ، "މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ ދައުވާ ކުރާ ފަރާތުގެ މައުލޫއީ ހައްގެއް މައްސަލައިގެ ފުރަތަމަ ބެލުމުން ވެސް އެނގެން އޮންނާތީ" އާއި އެ ލިޔުމުގެ ސްޓޭޓަސް ޑްރާފްޓަށް ބަދަލުކުރުމަކީ ނުވަތަ ވެބްސައިޓުން ނުފެންނަ ގޮތަށް ހެދުމަކީ، ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 
އެހެންވެ، ކޯޓުން އަމުރު ކުރީ މި މައްސަލައިގައި އަޒާން އެދިފައިވާ ގޮތަށް އެ އަމުރު ނެރެދިނުމަށެވެ.
އެ އަމުރާ އެކު، 'ދައުރު'ގެ ވެބްސައިޓުން މިހާރު ވަނީ އެ ލިޔުން ނަގާފަ އެވެ.
 އެނގުން މުހިންމު - މި މައްސަލައިގައި އަޒާން އެދިވަޑައިގެންފައި ވަނީ އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ. އާއި ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ވެސް ނަގައިދިނުމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ