ޕާކިސްތާން-އަފްޣާން ހަނގުރާމަ: މަޝްވަރާއަށް ތައްޔާރުކަމަށް އަފްޣާނިސްތާނުން ބުނެފި

އަފްޣާނިސްތާނުން ރޭ ޕާކިސްތާނަށް ހަަމަލާ ދިނުމާ އެކު ޕާކިސްތާނުން ހަނގުރާމަ އިއުލާނުކޮށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކަށް ބޮން އެޅުމާ ގުޅިގެން މަޝްވަރާއަށް ތައްޔާރު ކަމަށް އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާނު ލީޑަރުން ބުނެފިއެވެ. ޕާކިސްތާނުން ހުކުރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާއި ތާލިބާނުންގެ ލީޑަރުން ތިބި ކަންދަހާރު ސިޓީގެ އިތުރުން އެހެން ރަށްތަކަށް ވެސް ހަމަލާދިންއިރު، ބޯޑަރު ސަރަހައްދުގައި ވެސް ހަމަލާތައް ބަދަލުކުރިއެވެ. ހަމަލާތަކުގައި ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ. އަފްޣާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ޕާކިސްތާނާ އެކު މަޝްވަރާ ކުރުމަށް ތާލިބާނުންގެ އިސްވެރިން ތިބީ ތައްޔާރަށް ކަމަށެވެ. "އަފްޣާނިސްތާނުން އަބަދުވެސް މަސައްކަތް ކުރަމުން އައީ މަޝްވަރާގެ ތެރެއިން މައްސަލަތައް ހައްލުކުރަން، އަދި މިހާރު ވެސް އަޅުގަނޑުމެން ބޭނުންވަނީ މަޝްވަރާގެ ތެރެއިން މި މައްސަލަ ހައްލުކުރަން،" މުޖާހިދު ވިދާޅުވިއެވެ. މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ މިދިޔަ ހަފުތާ ބަންދުގައި އަފްޣާނިސްތާނުގެ ސަރަހައްދަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ބުރާސްފަތި ދުވަހު ބޯޑަރުގައި އަފްޣާނިސްތާނުން ހަމަލާތަކެއް ދިނުމުންނެވެ. ނަމަވެސް އަފްޣާނިސްތާނުން އެކަން ދޮގުކުރެއެވެ. މުޖާހިދު ވިދާޅުވީ ޕާކިސްތާނުން ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކާބުލް، ކަންދަހާރު އަދި ޕަކްޓިއާގެ ބައެއް ހިސާބުތަކަށް ކަމަށާއި ހުކުރު ދުވަހު ޕަކްޓިއާ، ޚޯސްޓް އަދި ލަގްމަން އަށް ހަމަލާދީފައިވާ ކަމަށެވެ. ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި އަނިޔާވި މީހެއް. ފޮޓޯ/އޭއެފްޕީ އަފްޣާނިސްތާނުން ހަމަލާ ދިނީ އެ ހަމަލާތަކާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކަަމަށް ވެސް މުޖާހިދު ވިދާޅުވިއެވެ. ޕާކިސްތާނުގެ ސިފައިންގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވީ ޕާކިސްތާނުގެ ވައިގެ އަދި އެއްގަމު އޮޕަރޭޝަންތަކުގައި އަފްޣާން ސިފައިންނާއި އެމީހުންނާ ގުޅުން ހުރި ހަނގުރާމަވެރިންގެ 274 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ 12 ސިފައިން މަރުވެ 27 މީހަކު ޒަޚަމްވެފައިވާކަމަށް ވެސް ޗައުދަރީ ވިދާޅުވިއެވެ. ނަމަވެސް އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ބުނާ ވާހަކަ މުޖާހިދު ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުގެ 55 ސިފައިން މަރުވެފައިވާއިރު، އޭގެތެރެއިން 23 މީހުންގެ ހަށިގަނޑު އަފްޣާނިސްތާނަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ގިނަ ސިފައިން އަތުލައިގަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަފްޣާން ސިފައިންގެ 13 މީހަކު މަރުވެފައިވާ ކަމަށާއި އިތުރު 22 މީހަކު ޒަޚަމްވެފައިވާ ކަމަށާއި އާންމުންގެ 13 މީހަކު ވެސް ޒަޚަމްވެފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ. ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް އަނބުރާ ހޯދި ފަހުން އަވަށްޓެރި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު ހިނގި ހަނގުރާމައިގައި ދެ ފަރާތުންވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެފަހުން ދެ ގައުމު ހިއްސާވާ ބޯޑަރު އޮންނަނީ ބަންދުކޮށްފައެވެ. ގަތަރާއި ތުރުކީ މެދުވެރިވެގެން ދެ ގައުމުގެ ދެމެދު ގިނަ މަޝްވަރާތައްކެއް ކުރި ނަމަވެސް މިހާތަނަށްވެސް ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ