މިދިޔަ މަހު ކުޑަކުދިންނަށްކުރާ އަނިޔާގެ 92 މައްސަލައެއް

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި އެކި ބާވަތުގެ 92 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އިހުމާލުގެ 24 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލައާއި، ޖިންސީ ހާނިއްކައިގެ 13 މައްސަލައިގެ އިތުރުން ނަފްސާނީ ހާނިއްކައިގެ ހަ މައްސަލައެއް ހިމެނެއެވެ.
ޢާއިލީ މައްސަލަތަކުގެ ގޮތުގައި 33 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 14 މައްސަލައާއި، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 14 މައްސަލައިގެ އިތުރުން ޙަޟާނާގެ ހަތަރު މައްސަލައެއް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނީ އަނިޔާއާއި ގުޅުންހުރި މައްސަލަތައް މަދުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ