އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނުކުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ތާއީދާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާކަން ފުރަތަމަ އިއުލާންކުރެއްވި މީކާއީލް ވަނީ މިއަދު ރަސްމީކޮށް އޭނާގެ ކެމްޕޭން ފައްޓަވައިފައެވެ. އެ މަގާމަށް މީކާއީލްއާ ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.
”އިތުބާރު“ގެ ނަމުގައި ކެމްޕޭން ލޯންޗުކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަކަށް ޖަވާބުދެއްވަމުން މީކާއީލް ވަނީ ކުރުގޮތަކަށް ރައީސް ސޯލިހާއި ޝާހިދު އަދި ފައިސަލްގެ ތާއީދު އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އާންމު މެންބަރުންގެ ތާއީދާއެކު ޗެއާޕާސަންކަމުގެ މަގާމަށް ހޮވައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައިވީ ނަމަވެސް، ޗެއާޕާސަންކަމަށް ދެން ވާދަކުރައްވާ ބޭފުޅުން ވެސް އެކުގައި ތިއްބަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އޭނާގެ ޗެއާޕާސަންކަމުގައި މަޝްވަރާކުރުން ކުޑަވެގެން، މަޝްވަރާކުރުން މަދުވެގެން އެއްބައިވަންތަކަން ނެތް ދުވަހަކަށް ޕާޓީ ފުރޮޅާލިއަކަ ނުދޭނެ ކަމަށެވެ.
”އަޅުގަނޑު މަސައްކަތްކުރާނަން ވީހާވެސް ބޮޑަކަށް މި ޕާޓީގައި ތިއްބެވި ހުރިހާ ލީޑަރުން އެއް ގަލަކަށް އަރުވައި، އަޅުގަނޑުމެން 2028 ގައި މުއިއްޒު ބަލިކުރަން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،“ އޭނާ ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ އާންމު މެންބަރުން ނިންމާ ނިންމުން ތަންފީޒުކުރުމަށް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށާއި ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް ޕާޓީގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައީސް ނަޝީދު ނުކުންނަވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ތާއީދާއެކުއެވެ.
ސޯލިހާއި ޝާހިދު އަދި ފައިސަލްގެ ތާއީދު ވެސް އަޅުގަނޑަށް އެބައޮތް: މީކާއީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ