ބަޑިން މަސް މަރަން އުޅުމުގެ ތެރޭގައި ޒުވާނަކު މަރުވެއްޖެ

ލ. ހިތަދޫ މޫދުގައި މިއަދު ހަވީރު ބަޑިއަކުން މަސް މަރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އެ ރަށުގެ ޒުވާނަކު މަރުވެއްޖެ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި އަހުމަދު ހަމްޒާން، 21، އަމާން/ލ. ހިތަދޫ، މަރުވީ މަސް ހިފަން މޫދު އަޑީގައި ބަޑި ޖަހައި، އޭގެ ނަނު ނައްޓަން އުޅުމުގެ ތެރޭގަ އެވެ.
"ގަލުގައި ތާށިވުމުން އޭނާ އުޅުނީ އެ ނައްޓަން ވެގެން. އެކަމަކު އެ ނަނު އޮތީ އޭނާގެ އަތުގައި އޮޅިފައި،" ހިތަދޫ ކައުންސިލްގެ މެމްބަރު އަބްދުލްވާހިދު އިދްރީސް ވިދާޅުވި އެވެ.
ބެލެވޭ ގޮތުން ނަނު އަތުގައި އޮޅުމުން، ނޭވާ ހުސްވި އިރު ވެސް އޭނާއަށް މައްޗަށް ނޭރުނީ އެވެ.
ވާހިދު ވިދާޅުވި ގޮތުގައި އެ ރަށު އުތުރު ފަރާތުގައި، ގާތްގަނޑަކަށް އަށެއްކަ ފޫޓު އަޑީގައި ހަމްޒާން ތާށިވުމުން، އޭނާއާ އެކު މަސް ހިފަން އުޅުނު 18 އަހަރުގެ ޒުވާނަކު އެހީ ހޯދަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާ މޫދުން އަރައި، މީހަކަށް އެކަން އެންގުމާ ދޭތެރޭ ވެސް ވިއްސަކަށް މިނިޓް ހޭދަވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުއްޖާ ވެސް މަސައްކަތް ކުރި ހަމްޒާން ނަގަން. އެކަމަކު އެއީ ކުޑަކުއްޖަކަށް ވީމާ އޭނާއަށް ވެސް ނުނެގުނީ،" އަބްދުލްވާހިދު ވިދާޅުވި އެވެ.
ކައުންސިލަރުންނާއި އިތުރު މީހުން ގޮސް ހަމްޒާން މޫދުގެ އަޑިން ނެގި އިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާއަކީ އާއިލާގެ އެންމެ ދޮށީ މީހާ އެވެ. މަސައްކަތް ކުރީ ކައިރީގައި އޮތް ރިސޯޓެއްގަ އެވެ.
ފުލުހުން ބުނިގޮތުގައި މިއަދު ހަވީރު 3:42ގައި މި މައްސަލަ ރިޕޯޓްކުރުމުން ފުލުހުން ހަރަކާތްތެރިވެ، އޭނާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. ނަމަވެސް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ