ރާއްޖޭގެ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ޕެޓިޝަނެއް
ސޯޝަލް މީޑިއާއަށް 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭގޮތް ހެދުމަށާއި އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭގޮތަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.ރައްޔިތުންގެ މަޖިލީހުން ތައާރަފު ކުރި އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އަލީ އާނިމް މުފީދު، އަތަމާވިލާ، ސ. ހިތަދޫ އެވެ. ޕެޓިޝަނުގައި ސޮއިކުރެވޭނީ އީފާސް މެދުވެރިކޮށެވެ.އޭނަގެ ޕެޓިޝަނުގައި ބުނެފައި ވަނީ، ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުން ކުރުން އާންމުވެފައިވާ ކަމަށެވެ. އަދި ގިނަ ވަގުތު ކުދިން ކުރާ ކަންތައްތައް ބެލުމަށް ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޔޫޓިއުބާއި، ޓިކްޓޮކް އަދި އެ ނޫން ވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ފާހިޝް ބަސްތަކާއި ނުބައި އަމަލުތައް ދަސްވަމުންދާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. މީގެ ސަބަބުން ކުދިންގެ ކިބައިން ނޭދެވޭ އަހުލާގީ ބަދަލުތަކެއް ފެންނަމުންދާތީ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް އޭގައި ފާހަގަކޮށްފައިވެ އެވެ.އެ މައްސަލަ ހައްލުކުރުމަށް، ފޭސްބުކާއި ޓްވިޓާއާއި ޔޫޓީއުބްއާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކާއި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ޕޯސްޓްކޮށް ހެދޭނެ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށް ޕެޓިޝަންގައި އެދިފައިވެއެވެ.އެފަދަ ގަވައިދު ނުވަތަ ގާނޫނު ހަދާ ފަހުން ވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރާނަމަ, އެ ކުދިންނަށާއި ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިން ނުވަތަ ނަސޭހަތްތެރިވުމަށް ޕެޓިޝަނުގައި ހުށަހަޅައިފައިވެއެވެ. އަދި ތަކުރާރުކޮށް ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ބެލޭ ގޮތަށް، ބާރުތަކެއް ދިނުމަށް ވެސް ޕެޓިޝަނުގައިވެއެވެ.މީގެ އިތުރުން އެ ޕެޓިޝަންގައި ވަނީ ސްކޫލްތަކާއި ކޮލެޖުތަކަށް މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވައިދެއް ހަދައި ފާސްކޮށް، އެ ގަވައިދަށް އަމަލުކުރަން ފަށަން ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ