މިދިޔަ މަހު ލުބްނާނާ އެކު ވީ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު، ފުރަތަމަ ފަހަރަށް އިޒްރޭލުން އިއްޔެ އެ ގައުމުގެ ވެރިރަށް ކަމަށްވާ ބެއިރޫތަށް ވައިގެ މަގުން ހަމަލާދީފި އެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުއްލޯގެ އެލީޓް 'ރަލްވާން' ފޯސްގެ ކޮމާންޑަރަކަށް ކަމަށް އިޒްރޭލުން ބުންޏެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި މި ހަމަލާ ވަނީ ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކޮމާންޑަރު ވަނީ މި ހަމަލާގައި މަރުވެފަ އެވެ. ނަމަވެސް، ހިޒްބުއްލޯ އިން ނުވަތަ އިޒްރޭލުގެ އަސްކަރިއްޔާއިން މިކަން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި ހަމަލާގެ ސަބަބުން، އެމެރިކާ އާއި އީރާނާ ދެމެދު އޮތް މަޝްރަހު ފިނިކުރުމަށް އެހީތެރިވެދިން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ވަނީ ނުރައްކާވެފަ އެވެ. އީރާނުން މީގެ ކުރިން ވަނީ ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވީ، އިޒްރޭލާ އެކު މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަކީ އަދި މާ އަވަސް ކަމެއް ކަމަށާއި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރުގަދަކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ކުޑަ އުންމީދަކީ އިޒްރޭލު ސިފައިން ފޭބުމަށް ތާވަލެއް ކަނޑައެޅުން،" އޭނާ ވިދާޅުވި އެވެ.
ލުބުނާނުން ބޭނުންވަނީ އިޒްރޭލާ އެކު ގުޅުން ބަދަހިކުރަން ނޫން ކަމަށާއި، ބޭނުންވަނީ ސުލްހަ ގާއިމުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައޫން ވެސް ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލައި ސަލާމަތީ އެއްބަސްވުމަކަށް އާދެވެންދެން ނަތަންޔާހޫއާ ބައްދަލުކުރުމުގެ މާހައުލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އިޒްރޭލުން އިއްޔެ ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އަދި ހިޒްބުއްލޯ އިން ފޮނުވާލި ރޮކެޓްތަކާއި ޑްރޯންތަކުގެ ސަބަބުން އިޒްރޭލުގެ ދެ ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.
ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މިދިޔަ މާޗު މަހު ހަނގުރާމަ އަލުން ފެށުނު ފަހުން ލުބުނާނުން 2,700އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ހަނގުރާމަ މެދުކަނޑާލި ފަހުން އިޒްރޭލުން އަލަށް ބެއިރޫތަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ