މާލޭ ޓެކްސީ ލައިނުގެ އެޕް އަންނަ ހަފުތާގައި ތައާރަފުކުރަނީ
ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އެޕްލިކޭޝަން އެޕް ސްޓޯރުން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށާއި، މި ހަފްތާ ނުވަތަ އަންނަ ހަފްތާ އެ އެޕްލިކޭޝަން ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީއާ ހަވާލާދީ އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޓެކްސީ ހިދުމަކީ އަސާސީ ހިދުމަތެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަސާސީ ހިދުމަތެއް ރައްޔިތުން ބޭނުންވާ ކޮލިޓީއަކަށް ގެނައުމަށް ކަމަށެވެ.އެގޮތުން މިވަގުތު ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީން ވަކި ކަހަލަ މިންގަނޑުތަކެއްގައި، ރައްޔިތުން ބަލައިގަންނަ ފަދަ މިންގަނޑުތަކެއްގައި އެކަން ކުރުމަށް ކަމަަށެވެ. އަދި އެކަން އެގޮތަށް ކުރިއަށްދާ ކަމަށާއި އާ ގޮތްތަކެއް ވެސް ހޯދަމުން އަންނަ ކަމަށެވެ."ޓެކްސީ ހިދުމަތް އެމްޓީސީސީން ފެށިއަސް، މުޅި ސަރުކާރު އެއްކޮށް ފެށިއަސް ހަމަ ހުންނާނެ ފްލޯސް. ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުންނާނެ. މިސާލަކަށް ކޯލް ނެގުން، މިސާލަކަށް ދަތުރުތަކަށް ބަރާބަރަށް އެޓެންޑްވުން. ދަތުރުތަކުގެ ތެރޭގައި ޑްރައިވަރާއި ޕެސެންޖަރުންނާއި މުއާމަލާތް ކުރާއިރު ރީތި ބަހުން ވާހަކަ ދެއްކުން. ރީތި ގޮތްތައް ޕްރޮމޯޓް ކުރުން." ސައީދު ވިދާޅުވި އެވެ.ސައީދު އިތުރަށް ވިދާޅުވީ އެ ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނަށް މިހާރު އެޕަލް ސްޓޯރުން އެޕްރޫވަލް ލިބިފައިވާ ކަމަށެވެ. އަދި އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރުމަށް އެ އެޕްލިކޭޝަން ޕްލޭ ސްޓޯރުގައި ހިމެނުމުގެ މަސައްކަަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މިހަފުތާ ނުވަތަ އަންނަ ހަފުތާގައި އެ އެޕްލިކޭޝަން ލޯންޗުކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް ސައީދު ވިދާޅުވީ، ޓެކްސީ އެސޯސިއޭޝަނާއެކު ވެސް އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ހިޔާލުތަކާއި ދައްކާ ވާހަކަތަކަށް ރިއާޔަތްކޮށް ހައްލުތަކެއް ގެނެދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ