އޯޓިސްޓިކް ކުއްޖަކަށް ކްލިނިކެއްގައި އަނިޔާކުރި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި އޯޓިސްޓިކް ކުއްޖަކަށް ކްލިނިކެއްގައި އަނިޔާކުރި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކަށް ދިޔަ އޯޓިސްޓިކް ކުއްޖަކަށް ކަތުރަކުން އަނިޔާކުރި މައްސަލައިގައި ދެވމީހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ރާއްޖޭސްވަރީ ސިވާ ކުމާރު، 24، އާއި އީޝާ އެންޓޮނޭޓް، 24، ކިޔާ ދެ އަންހެނުން ކަމަށެވެ.
ފުލުހުން ބުނީ އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދަށް ވެސް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އޯޓިސްޓިކް ކުއްޖަކަށް އަނިޔާކުރި މައްސަލަ ފެންމަތިވީ ކުޑަކުދިންގެ ދުވަހު އެވެ. ނަމަވެސް މިއަދު ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.
އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފިޒިއޯ ކްލިނިކުގެ މުވައްޒަފަކު ކަތުރެއް ނަގައިގެން ކުއްޖަކާ ކުރިމަތިލާ މަންޒަރު ފެނެ އެވެ. އެ ކުއްޖާއަށް ކަތުރުން އަނިޔާވެފައިވާ ފޮޓޯ ފަހުން ފެނެ އެވެ.
ފިޒިއޯ ކްލިނިކުގެ ނަމުގައި އިިންސްޓަގްރާމުގައި ހިންގާ ޕޭޖަކުން ބުނެފައި ވަނީ އެ މައްސަލައިގައި ޝާމިލުވާ ތިން މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް، ކްލާސް ރޫމުގައި ހުރި ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ދީފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ.
އެފަދަ ބޮޑު ހާދިސާއެއް ދިމާވުމުން ވަގުތީ ގޮތުން ކްލިނިކް ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް ފިޒިއޯ ކްލިނިކުން ބުނެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ