އާރުޑީސީ ފަންނީ ގޮތުން ގާބިލު، ހައްލު ހޯދަނީ ސަބް ކޮންޓްރެކްޓް ކުރަންޖެހޭ މައްސަލައަށް: މުއްތަލިބު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ގާބިލުކަމާމެދު އިންފްރާންޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ އިތުރަށް ސާފުކޮށްދެއްވައި، އެ ކުންފުންޏަކީ ފަންނީ ގޮތުން ގާބިލު ކުންފުންޏެއް ކަމަށް ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލީސް ޖަލްސާއަށް ހާޒިރުވެވަޑައިގެން، މުއްތަލިބު ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން، ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ރިޔާޒް ވަނީ، އެރަށުގެ ތާރުއެޅުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ. ޖަވާބުގައި މުއްތަލިބް ވިދާޅުވީ، އާރްޑީސީއާ ހަވާލުކޮށްގެން ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ، އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓެރެކްޓު ކޮށްގެން ކަމަށެވެ. ކުޅުދުށްފުށީގެ މަގެއްގައި އާރްޑީސީގެ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ --- ފޮޓޯ/ އާރްޑީސީ އެކަމަކު، މި ސަރުކާރު ހަވާލުވި ފަހުން އެ ކުންފުނިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ، އެ މަސައްކަތް ފަހުން ކޮށްފައި ވަނީ އާރްޑީސީން ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތުގެ ތެރެއިން، މަގުތަކުގެ މަސައްކަތް ނިމި، ތާރު އެޅުމާ ހަމައަށް ގޮސްފައި އޮތް ނަމަވެސް، މިހާރު މަސައްކަތް މަޑުޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ، އެ ކުންފުނީގައި ތާރު އެޅުމުގެ ގާބިލުކަން މިވަގުތު ނެތުމުން ކަމަށާއި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެވާހަކައާ ގުޅިގެން، މިނިސްޓަރު މުއްތަލިބަށް ޓެގުކުރައްވައި، ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޕޯސްޓެއްގައި ވަނީ، އައްޑޫ ލިންކު ރޯޑާއި ހައިވޭ ހެދުމުގެ ބޮޑު މަޝްރޫއެއް އާރުޑީސީއާ މިފަހުން ހަވާލުކުރިކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ވެސް އާރުޑީސީއާ މަޝްރޫއުތައް ހަވާލުކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ގާބިލުކަން ނެތީސްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. https://x.com/muththo/status/1921886851042009265 އެ ސުވާލަށް ޖަވާބުދެއްވައި މުއްތަލިބު ވިދާޅުވީ އާރުޑީސީއަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށްގެންދާ، އެކަމުގެ ފަންނީ ގާބިލްކަން ހުރި ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް، މެޝިނަރީގެ ދަތިކަން ހުރުމުން ތާރުއެޅުމުގެ މަސައްކަތް މިހާތަނަށް ކޮށްފައިވަނީ ސަބް ކޮންޓްރެކްޓްކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންވެ، އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަނީ ތާރުއެޅުމަށް ބޭނުންވާ މެޝިނަރީތައް އާރުޑީސީއަށް ހޯދައި ދީގެން އެ ކުންފުނިން ތާރުއެޅުމުގެ މަސައްކަތްވެސް ކުރަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރާތީ އެކަމުގެ ކަންބޮޑުވުން އަމިއްލަ ކުންފުނިތަކާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. ނަމަވެސް މިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަނީ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ