ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އަނެއްކާވެސް ފަސްކޮށް ދިނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޓީބިލުގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު ފަސްކޮށްދިންކަން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ ޓީބިލުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކޮށްދީފައިވާ ކަމަށާއި އެ ފައިސާގެ ތެރޭ ހިމެނޭ ބައިތައް ދެއްކުމުގެ މުއްދަތުު ކޮންމެ އަހަރަކު ވެސް ފަސްކޮށްދެމުން އަންނަ ކަމަށެވެ.
"މިއީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ހާއްސަ އިންތިޒާމެއްގެ ދަށުން ރާއްޖެއަށް ދިން އިމަޖެންސީ މާލީ އެހީތެރިކަމެއް،" ހައި ކޮމިޝަނުން ބުންޏެވެ.
ރާއްޖެއަކީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކޮށް ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގައި އެހީ ފޯރުކޮށްދިނުމަށް އެ ގައުމުން ތައްޔާރަށް އޮންނާނެ ކަމަށެވެ. އެގޮތުން:
ޓީ ބިލު ދެއްކުން ވެސް އެކި ފަހަރު މަތިން ވަނީ ފަސްކޮށްދީފައި
އަސާސީ ކާބޯތަކެތީގެ ކޯޓާ ހާއްސަ އިންތިޒާމެއްގެ ދަށުން ހަމަޖައްސާފައިވާނެ
އެނގުން މުހިއްމު - އެސްބީއައި މެދުވެރިކޮށް ޓީބިލުގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރުގެ އިންޓްރެސްޓު ފައިސާ ދައްކަނީ އިންޑިއާ ސަރުކާރުންނެވެ.
އެސްބީއައިން 2019ގައި ރާއްޖެއަށް ދިން 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާއިން މީގެ ކުރިން މައާފު ވެސް ކޮށްދީފައިވެ އެވެ. އަދި މި ސަރުކާރު އައި ފަހުން އެ ޓީބިލްގެ 50 މިލިއަން ޑޮލަރު ވަނީ މި ސަރުކާރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައްކައިފަ އެވެ.
ޓީބިލުގެ މުއްދަތު ފަސްކޮށްދިނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މާލީ އެހީ ފޯރުކޮށްދޭން: އިންޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ