ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވުރެ މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެސް މާ ރަނގަޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި މި ސަރުކާރުގެ ޑިޖިޓަލައިޒް ޕްރޮގްރާމް 'ދިވެހިރާއްޖެ 2.0'އަށް ފާޑުވިދާޅުވަމުންނެވެ. ޔާމީން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ކަމަށް ބުނެ އެކަމުގެ ތެރެއިން ކުރަން އުޅޭ ކަމަކީ ވެސް ޑިޖިޓަލައިޒް ވައްކަން ކުރުން ކަމަށެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ ރާއްޖޭގެ މިސްރާބު ހުރީ "ގުންފައި ޖަހާފައި ގަދީމީ ޒަމާނަށް" ދިއުމަށް ކަމަށެވެ. ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގަޔާއި ސަރުކާރު ހިންގުމުގައި ރައީސް ސޯލިހުގެ ސަރުކާރު ވެސް މި ސަރުކާރަށްވުރެ ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަަހަރު ވެސް މިއަށް ވުރެ ރަނގަޅު އެނގޭތޯ. އޭނާ ވެސް ބެލި ހަމަތަކެއް، ހިފެހެއްޓި ހަމަތަކެއް ހުރި، އެކަމަކު މިހާރު މިކުރަނީ ޑޭލައިޓް ވައްކަންދޯ. ހަމަ ދިމްޔާތު ޒުލެއް ގޮތަށް މަޖިލިސް އެ ހިންގަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ:
ކޮރަޕްޝަނުގެ ތުހުމަތުތައް ރައީސް މުއިއްޒަށް ވެސް ކުރެވޭއިރު އެތުހުމަތުތައް ބަލައިލާން ކެރޭ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އެއް ނެތް
ސްޕްރީމް ކޯޓުުގެ ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭއިރު އެމީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ އެމީހުންގެ ވާހަކަ އަޑުއަހާލަން ކެރޭވަރުގެ ބަޔަކު ނެތް
މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދީނީ ފޭރާން ވިއްކައިގެން؛ އެކަމަކު ދީނީ ކަންކަމުގައި ވެސް ކަންކަން ކުރައްވަނީ ދިމާއިދިކޮޅަށް
މި ސަރުކާރުން ތައުލީމަކަށް އިސްކަމެއް ނުދެއްވާ؛ ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ތައުލީމީ ބޭބޭފުޅުން މަގާމުން ދަނީ ވަކިކުރަމުން
"އެހެންވީމާ އަޅުގަނޑުމެންނަށް ހުވަފެން ވިއްކައިގެން ވެރިކަން ކުރައްވަން ނޫޅުއްވާ. ކުރީގައި ވިއްކީ ދީނީ ފަގުނޑި. މިހާރު އަނެއްކާވެސް ހުވަފެން،" ޔާމީން ވިދާޅުވި އެވެ
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އެމްޑީޕީގެ ސަރުކާރު މި ސަރުކާރަށް ވުރެ ރަނގަޅު ކަމަށް ޔާމީން ވިދާޅުވިއިރު، ސޯލިހުގެ ވެރިކަން ނިމުމަކަށް އަންނަންދެން ޔާމީން ހުންނެވީ ޖަލުގަ އެވެ. އޭރު ޔާމީންއަށް ތާއީދުކުރައްވާ މިހާރުގެ ސަރުކާރުގެ އިސްވެރިން މުޅިން ވެސް މަގުތަކަށް އިއްވެ އަޑުއުފުލަމުންދިޔައީ ސޯލިހު ސަރުކާރު އަނިޔާވެރިކަމަށް ބުނެ އެވެ. އިންޑިއާ އައުޓްގެ ނަމުގައި ޔާމީން އިސްވެ ހުންނަވާ އޭރު ހިންގެވި ކެމްޕެއިންތަކުގައި ގައުމު މިނިވަންކަން ގެއްލުވާލާން އުޅޭކަމުގެ ތުހުމަތުތައް ވެސް ސޯލިހުގެ ސަރުކާރަށް އޭރު ކުރި އެވެ.
ގެނެސްފައިވާ ތަރައްގީއާ އެކު ވެސް ދެ ވަނަ ދައުރެއް ހޯއްދެވުމުގައި އެ މަނިކުފާނަށް ދިމާވި އެންމެ ބޮޑު ހުރަހަކީ އޭރު އިދިކޮޅުން ފެތުރި ދޮގު ވާހަކަތައް ކަމަށް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒަށް ވުރެ ސޯލިހުގެ ސަރުކާރު ވެސް ރަނގަޅު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ