މަދަނީ އިޖުރާތުގެ ޤާނޫނު އިސްލާޙުވުމުން މަދަނީ މައްސަލަތައް ނިންމުން %60 އަވަސްވާނެ: ޖޭއެސްސީގެ ރައީސް

މަދަނީ އިޖުރާއަތުގެ ޤާނޫނު އިސްލާޙުވުމުން މަދަނީ މައްސަލަތައް ނިންމޭ މިންވަރު %60 އަވަސްވާނެކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވިދާޅުވެއްޖެއެވެ.
ޙުސައިން ރިޟާ މިހެން ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވި މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް ބާއްވާ ޤަޟާއީ އަހަރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު 2025 އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙުސައިން ރިޟާ އާދަމް ވިދާޅުވީ ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅެނީ މައްސަލަތައް ނިމުން ލަސްވުމުގެ މައްސަލަތައްކަމަށެވެ. އެހެންކަމުން މައްސަލަތައް ލަސްވާ ސަބަބުތައް ދެނެގަނެ ކޯޓުތަކުގައި މައްސަލަތައް ނިންމޭ މިންވަރު އިތުރުކުރުމަށް މި އަހަރު ޚާއްސަ އިސްކަމެއްދީގެން ކޮމިޝަނުން މަސައްކަތްކުރައްވާނެކަމަށް ޙުސައިން ޙުސައިން ރިޟާ ވިދާޅުވިއެވެ. އަދި މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި އެކި ސަބަބުތަކާހުރެ މައްސަލަތައް ޝެޑިޔުލްކުރުމަށްފަހު ކެންސަލްކުރަން ޖެހުން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކެންސަލްކުރަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްތަކެއްކުރައްވާނެކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.
"ކޮންމެ 3 މަހަކުން އަޅުގަނޑުމެން ބަލާނަން މައްސަލަތައް ކެންސަލްކުރެވިފައިވާ ގޮތުގެ ތަފާސްހިސާބު. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" ޙުސައިން ރިޒާ ވިދާޅުވިއެވެ.
ލަސްވާ މައްސަލަތަކުގެ ތެރޭގައި ޤާނޫނަށް ބަދަލު ގެނެސްގެން އަވަސްކުރެވިދާނެ މައްސަލަތަކުގެ ބާވަތްތަކަށް އަލިއަޅުވާލައްވައި، މި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ވިދާޅުވީ 2021ވަނަ އަހަރު ފާސްކުރި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސަބަބުން އެ ފަދަ މައްސަލަތައް ވަރަށް ބޮޑަށް ލަސްވެފައިވާކަމަށެވެ. އެހެންކަމުން ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް އެކުލަވާލައި، މަޖިލީހަށް ބިލު ހުށައެޅުމަށް ބަންޑާރަނައިބުގެ އޮފީހަށް ހުށައަޅާފައިވާކަމަށާއި ޤާނޫނަށް ގެނެވޭ އައު އިސްލާހުތަކާއެކު މަދަނީ މައްސަލަތައް ބަލައި ނިންމާ މިންވަރު 60 އިންސައްތަ އަވަސްކުރެވޭނެކަމަށް ޖޭއެސްސީގެ ރައީސްކަން ކުރައްވާ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުޢީ ދައިރާގެ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ޖޭއެސްސީގެ ރައީސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކޯޓު ކޮމްޕްލެކްސް އަޅައިދެއްވާނެ ކަމަށާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅިކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ތަކްރީމްކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ތަކްރީމްކުރެއްވީ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ އަދި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފެވެ.
ޤަޟާއީ އަހަރަށް އިފްތިތާޙުކޮށްފާވާއިރު، މި އަހަރުގެ ޝަރުޢީ ދާއިރާގެ ލަނޑުދަނޑިތައް ކަނޑައަޅައި ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާތައްކުރުމަށް ފަނޑިޔާރުންގެ މަހާސިންތާ ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ