އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އިސްތިއުނާފުކޮށް އަކްރަމް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ މިދިޔަ ހަފުތާ ނިންމައިފި އެވެ.
ވީ ކިިހިނެއް؟ - ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން ހިންގި ކަމަށް ބުނާ މައްސަލައެއްގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ދެ ފަހަރުގެ މަތިން ވަނީ އަމުރެއް ނެރެފަ އެވެ. އެ ގޮތުން:
އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށް
މިދިޔަ މަހު 19 ވަަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި
އަކްރަމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އެންމެ ފަހުން ނެރުނު އަމުރެވެ. އެ އިސްތިއުނާފު ބަލައިނުގަތް ކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރްޝީދާގެ ނިންމުމުގައިވާ ގޮތުން، އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްދެވެން ނެތީ، އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދަށު ކޯޓަށް ހުށަހެޅި ބަހުސްކޮށް މުރާޖާކުރުމުގެ ފުރުސަތު އޮތް އަމުރަކަށް ވާތީ ކަމަށެވެ.
އަކްރަމް ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ފޯމުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
އަކްރަމް ފިލައިގެން ދާން އުޅޭ ކަމުގެ ހެއްކަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުށަހެޅީ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް؛ އެއީ ބޭރަށް ދިއުމުގެ ގާބިލްކަމަކީ ހެއްކެއް ކަމަށް ބުނެ
އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ އެއީ ތަހުގީގަށް އެއްބާރުލުން ނުދީ، އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ދާން އުޅޭ ކަން ސާބިތުވާނެ ހެއްކެއް ނޫން ކަމަށް
އަކްރަމަކީ މީގެ ކުރިން އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަށް ފިލައިގެން ގޮސްފައިވާ މީހެއް ނޫން؛ އޭނާ އަކީ ފާޅުގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވަމުން ގެންދާ ސިޔާސީ ފަރާތެއް ކަމަށް
މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް އަދި ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރު ވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަނާޅާ ކަމަށް އަކްރަމް ފާހަގަކޮށްފައިވޭ
ފާހަގަކޮށްލެވޭ - އޭސީސީން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ބައެއް ވެރިންގެ ޕާސްޕޯޓު ހިފަހައްޓާފައިވެ އެވެ. އެއީ:
ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު
ކުރީ ސަރުކާރާއި މި ސަރުކާރުގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ވިޝާން ނަސީމް
ގުޅުން ހުރި - ކުރީގެ ސަރުކާރު އަދި މި ސަރުކާރުގައި ވެސް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ ތަހުގީގީ އިދާރާތަކަށް އަމުރުކުރައްވައިފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނާ ސައްހަ ނޫން ލިޔުމަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލޭން ގޯއްޗެއް ދިން ކަން މިދިޔަ އަހަރު ފެންމަތިވި އެވެ. އެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ