ސަރުކާރުގެ ހައުސިން މަޝްރޫއުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅަން އެދެން ހުޅުވާލައިފި
ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ރައްޔިތުން ބޭނުންވާނަމަ، އަމިއްލަ ގޯތިތަކުގައި ސަރުކާރުން ގެ އަޅައިދޭނެ ކަމަށާއި، ރޯދަ ނިމުމުގެ ކުރިން އެ ގޮތަށް ބޭނުންވާ މީހުންގެ މައުލޫމާތު ކައުންސިލްތަކުން އަންގައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވީ ދ. އަތޮޅަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. https://sun.mv/202939 މީދޫގައި އެޅުމަށް ނިންމާފައިވަނީ 200 ހައުސިން ޔުނިޓެވެ. ރައީސް ވިދާޅުވީ ހައުސިން މަޝްރޫއު އިއުލާންކޮށްފައިވާ ރަށްތަކުގެ ރައްޔިތުން ބޭނުންވާނަމަ، ހައުސިން މަޝްރޫއުގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި ތިން ކޮޓަރީގެ ގެތަކެއް އަޅައި، ބާކީވާ އަދަދަށް ފްލެޓު އަޅައިދެއްވިދާނެ ކަމަށެވެ. "ހައުސިން ޔުނިޓު އަޅަން އިއުލާން ކުރި ކޮންމެ ރަށެއްގެ ކައުންސިލަށް ވެސް އަޅުގަނޑު ދަންނަވައިލަން ބޭނުން، ރަމަޟާން މަސް ނިމުމުގެ ކުރީގައި އެ ރަށެއްގެ ރައްޔިތުންގެ ތެރެއިން ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު އިއުލާންކޮށްފައިވާ ކޮންމެ ރަށެއްގައި އަމިއްލަ ގޯތީގައި މީގެން ހައުސިން ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅައިދެއްވާށޭ. ކަނޑައަޅުއްވާފައި އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުއްވައިދެއްވާށޭ،" ރައީސް ވިދާޅުވިއެވެ. އެއީ އަމިއްލައަށް ގޯތި އިމާރާތް ކުރުމުގައި ދަތިކަން ދިމާވާ ފަރާތްތަކަށް އޮތް ލުއިފަސޭހަ ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި އަހަރުގެ ބަޖެޓު ރައީސް ސިފަ ކުރައްވާފައިވަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ގެނުވާނެ ބަޖެޓެއްގެ ގޮތުގައެވެ. މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ގޮތުން ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކުގެ ރައްޔިތުން ޕިކްނިކުދާނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ދ. މީދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރިއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ސައުދީވެ. މީގެ އިތުރުން، ދ. މީދޫގައި ކުނި މެނޭޖު ކުރާ ސެންޓަރު ތަރައްގީކުރަން ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އެއިން ކޮންމެ މަޝްރޫއެއް ބާރު ސްޕީޑުގައި ވަރަށް ރަނގަޅަށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވައިފައެވެ. "ސަރުކާރުން މީދޫގެ ރައްޔިތުންނަށް ރަށުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ވަރަށް މުހިންމު ސަމާލުކަމެއް ދޭނަން. މިއިން ކޮންމެ ފުރުސަތެއް ވެސް ރައްޔިތުންނަށް އަޅުގަނޑު މި ދޫކޮށްލަނީ. ރައްޔިތުން ބޭނުންބާ ގޮތެއް ކަނޑައަޅައިދެއްވީމާ އެ ގޮތަކަށް އަޅުގަނޑުމެން ކުރިޔަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަންދެން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި މީދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ. ރައީސްވަނީ އެ މަނިކުފާނު މީދޫއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް އަމަލީ ގޮތުން، މި އަހަރާއި ކުރިޔަށް އޮތް އަހަރު ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ