ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރު ބިލެއް ހުށަހެޅީ ނުފޫޒު ފޯރުވަން ކަމަށް ވިދާޅުވެ އެގޮތަށް ކޯޓުތައް ބަދަލުކުރާ ވެރިކަންތައް ދެމިއޮވޭތޯ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސުވާލު އުފައްދަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް ފަށާފައިވާއިރު ފެހި ގާނޫނުއަސާސީގެ ފަހުން ރާއްޖޭގައި އުފެދުނު ހުރިހާ މަޖިލީހެއްގައި މެންބަރުކަން ކުރެއްވި ގަޕޯ ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މިއޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖޭގެ ސުޕްރީމް ކޯޓު ދުއްވާލީމާއި ދެން ރައްޔިތުން ކޮންތަނަކަށްތޯ ދާނީ. މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. ސިޔާސީ މަސްލަހަތު ހިމާޔަތް ކުރަން ޖެހޭ. ސުޕްރީމް ކޯޓުން ގޯހެއް ހަދާފައި ނެތް ހިނދެއްގައި ސުޕްރީމް ކޯޓަށް މި މަޖިލީހުގެ ސިޔާސީ އަތް ބާނައިގެން ފަނޑިޔާރުން ބަދަލުކޮށް މި ގައުމަށް ކީއްތޯ ކުރަން ތި އުޅެނީ؟،" ގަޕޯ ސުވާލު ކުރެއްވި އެވެ.
ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ސުޕްރީމް ކޯޓާ ކަމަށާއި އެ ކޯޓުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ކަމަށް ގަޕޯ ވިދާޅުވި އެވެ. ސުޕްރީމް ކޯޓު ބަދަލުކޮށްފިނަމަ ގައުމު ގޮސް ހުއްޓޭނެ ތަނެއް ދަންނަވަން ދަތިކަމަށް ބަހުސްގައި ގަޕޯ ވިދާޅުވި އެވެ.
"ސަރުކާރުތައް ދެމިއޮންނަން ޖެހޭނެ. ސިޔާސީ މަސައްކަތް ކުރެވެން ޖެހޭނެ. ގައުމުގައި އިންސާފު ގާއިމުކުރެވެން ޖެހޭނެ. މި ހަމަޔާއި އިންސާފުގެ ތެރޭގައި މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ދަސްވާން އެބަޖެހޭ. ސުޕްރީމް ކޯޓު ބަދަލުކޮށްގެން އައި ސަރުކާރުތައް ދެމިއޮތްތޯ؟،" ގަޕޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ގާނޫނަކީ ފަނޑިޔާރުން ބަދަލުކުރަން އޮތް ހުއްޖަތެއްގެ ގޮތުގައި ސަރުކާރުތަކުން ދަނީ ބޭނުންކުރަމުންނެވެ. މި ގައުމު ހުރިހާ ރައީސުންނަށް ވުރެ ބޮޑުވާން ޖެހޭ ކަމަށާއި ނަމަވެސް ފެންނަނީ ކޮންމެ ވެރިކަމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ގައުމު ކުޑަވާ މަންޒަރު ކަމަށް ގަޕޯ ވިދާޅުވި އެވެ.
"ސަރުކާރުން ބުނަނީ ސިޔާސީ ދާއިރާއަށް އަތް ނުބާނާ ކަމަށް. އަޅުގަނޑަށް ފެންނަނީ އަތް ނުބާނައި މުޅި ހަށިގަނޑު އެއްކޮށް ޝަރުއީ ދާއިރާއަށް ބާނާ މަންޒަރު. މިއީކީ ނޫން މިކަން ކުރަން ޖެހޭ ގޮތަކީ. ތިމަންނާމެން ބޭނުންވާ ގޮތަށް ކަންކަން ނުނިމިދާނެހެން ހީވީމައި ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުން ބަދަލުކުރާ ހިސާބަށް ދިޔައީމައި އިންސާފުގެ ކުލަވަރެއް ވެސް ފެންނަން ނެތް،" ގަޕޯ ވިދާޅުވި އެވެ.
ސިޔާސީ ބޭނުމުގައި ކޯޓު ބަދަލުކުރުމަކީ ބޮޑު ގޯހެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ކުރަން ނުޖެހޭ ކަމަށާއި ސަރުކާރު ވެސް ހަމައަކަށް އެޅުވުމުގެ ޒިންމާ މަޖިލީހުގައި އޮތް ކަމަށް ގަޕޯ ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަން ދައްކަން ސައްތާރު ލައްވައި އޭނާގެ އަމިއްލަ މެންބަރެއްގެ ބިލެއްގެ ގޮތުގައި ބިލް ހުށަހެޅުއްވުމަށް ފަހު، އެ ބިލަށް ޕީއެންސީގެ މެންބަރުންގެ ތާއިދު އޮތްތޯ ބެލުމަށް އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެތިން މެންބަރެއް ފިޔަވައި އެ ބިލް ފާސްކުރަން ތާއިދު ކުރާ މެންބަރަކު ނެތެވެ.
ނަމަވެސް ޕީއެންސީގެ ލީޑަޝިޕުން ރޭގެ ވަގުތެއްގައި މެންބަރުންނަށް އެ ބިލަށް ތާއިދު ކުރަން ވަނީ އަންގާފަ އެވެ.
މެންބަރު ސައްތާރު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ޣަފޫރުގެ ސުވާލެއް: "ސުޕްރީމް ކޯޓު ބަދަލުކޮށްގެން އައި ސަރުކާރުތައް ދެމިއޮތްތޯ؟" ޣަފޫރުގެ ސުވާލެއް: "ސުޕްރީމް ކޯޓު ބަދަލުކޮށްގެން އައި ސަރުކާރުތައް ދެމިއޮތްތޯ؟"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ