ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިނުވެ، ވިޕްލައިނާ ހިލާފުވި ޕީއެންސީގެ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެކަން އަންގައިފި އެވެ.ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ބިލު ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ބިލް ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.މި ވޯޓުގެ ކުރިން ރޭ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދިނުމަށް އެ ގްރޫޕްގެ މެމްބަރުންނަށް އަންގާފަ އެވެ. ނަމަވެސް މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.ޕީއެންސީގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފަލާހު ވިދާޅުވީ ޕާޓީގެ ވިޕްލައިނާއި ގަސްތުގައި ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މިމައްސަލަ ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެންބަރުން- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު- އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު- ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީވިޕްލައިންއާ ހިލާފުވި މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން ޕީއެންސީގެ ލީޑަޝިޕުން އަންގާފައިވާއިރު، މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ މެންވަރުންގެ ވޯޓާ އެކު ގާނޫނުއަސާސީއަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާރުގެ މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަން ކަނޑައަޅައިދޭން ވެސް އެ މައްސަލާގެ ތެރެއިން ވަނީ އެދިފަ އެވެ.އެ އިސްލާހުގެ ދަށުން މެންބަރަކު ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ހިންގުން މަނާ ކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ